ތިމާވެށި

"ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ"


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށްމިވީ ތިން އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަވާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެންވަޔަރަންމަންޓް މިނިސްޓަރާ ކުރެއްވި ސުވާލުތަކާއި ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށުގެ ޙާލަތު ދިރާސާކޮށްބަލައި، ބަޖެޓާއި، އެހެނިހެން ވަސީލަތްތައް ތަނަވަސްވެފައިވާ މިންވަރުން އެކަމަށް ޙައްލު ހޯއްދަވައި ދެއްވަމުންގެންދަވާކަމަށެވެ. އެގޮތުން މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެން އެކި އަހަރުމަތިން 23 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި 15 ރަށެއްގެ މަސައްކަތް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން 8.2 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެއްވުމަށް ސަރުކާރުގެ ބަޖެޓުން 263 މިލިޔަން ރުފިޔާ ޚަރަދުކުރެއްވިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވިއެވެ. 

2013 ވަނަ އަހަރު 2 ރަށެއްގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވިކަމަށާއި، ޖެހިގެން އައި 2014 ވަނަ އަހަރު ތިން ރަށެއްގެ މަސައްކަތް ފެއްޓިވެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2015 ވަނަ އަހަރު 12 ރަށެއްގެ މަސައްކަތް ފެއްޓެވިއިރު، މިދިޔަ 2016 ވަނަ އަހަރު 6 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަމަށް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14871485142594.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް / ފައިލް ފޮޓޯ: ޕީއެސްއެމް

އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ، މިހާތަނަށް 15 ރަށެއް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާފައިވާއިރު،  ސަރުކާރުން ކުރިއަށް ގެންދަވާ ބިންހިއްކުމުގެ މަޝްރޫޢުތަކާއި ގުޅިގެން 9 ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރައްވައި ޖުމްލަ ސައުވީސް ރަށެއްގެ 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް، ހިމާޔަތް ކުރައްވައި ނިންމަވާފައިވާ ކަމަށެވެ.

ގޮނޑުދޮށް ހިމާޔަތްކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާއިރު، އެކި ރަށްރަށުގައި ރަށްގިރުން ކުރިމަތިވަނީ ތަފާތު ގޮތްތަކަށްކަމުން، އެމަސައްކަތް ކުރަނީ ތަފާތު ޑިޒައިން ތަކަށް އެރަށަކަށް އެކަށީގެންވާ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ މަސައްކަތް ފައްޓަވާފަހުންވެސް ޑިޒައިނަށް ބަދަލުތަކެއް ގެނެސް މަސައްކަތް ކުރަންޖެހޭގޮތް ދިމާވާކަމަށާއި މިފަދަ މައްސަލަތަކާއި ގުޅިގެންވެސް ބައެއް ރަށްރަށުގައި ފަށާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލުމުގައި ލަސްތަކެއް ކުރިމަތިވާކަން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ތޯރިގް ފާހަގަކުރެއްވިއެވެ. 

ކިނބިދޫ ދާއިރާގެ މެންބަރު އެންވަޔަރަންމަންޓް މިނިސްޓަރާ ސުވާލުކުރެއްވީ ތ. ވަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރައްވަން ފެއްޓެވޭނެ ތާރީޚާކާއި ގުޅޭގޮތުންނެވެ. މިސުވާލުގެ ޖަވާބުގައި މިނިސްޓަރ ތޯރިޤްއިބްރާހީމް ވިދާޅުވީ، ވަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު 2017 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިނުވާތީ އަދި އެމަސަކަތް ފެށޭނެ މުއްދަތެއް ދަންނަވަން ދަތިކަމަށެވެ.