ޚަބަރު

ޤަތަރާއެކު އޮތް ވިޔަފާރީގެ ގުޅުން އަދިވެސް ދެމި އޮންނާނެ-ސަރުކާރު


ޤަތަރާއި ދިވެހި ރާއްޖެއާއި ދެމެދުގައި އޮތް ސިޔާސީ ގުޅުން ކެނޑުނު ނަމަވެސް ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ނުގެނައުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، ދިވެހި ސަރުކާރުން ޤަޠަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޤަޠަރާއި ދިވެހިރާއްޖެއާ ދެމެދުއޮތް ސިޔާސީ ގުޅުމާބެހޭގޮތުން މެންބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި މިދިޔަ މޭ މަހު ބޭއްވި ޢަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުން އެއްބަސްވެފައިވާކަންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ޤަތަރުން ސަމިޓްގެ އެއްބަސްވުމާއި ޚިލާފަށް އަމަލު ކުރަމުން ގެންދާތީއާއި، އަރަބި އިސްލާމީ ބޮޑެތި ގައުމުތަކުން ޤަޠަރާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމަށް ނިންމާފައިވާތީ ރާއްޖެއަކީވެސް މި ސަމިޓްގެ ބައިވެރިއަކަށްވީ ހިނދު ރާއްޖެއިންވެސް މިގޮތަށް އަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވޭ.

ދިވެހިރާއްޖެއިން ގެންދަނީ ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ދުނިޔޭގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ޓެރަރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކާ ދެކޮޅަށް ފާޅުގައި ބަސްބުނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް ދިވެހި ސަރުކާރުން ގެންދަވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުންނެވެ.މެދުއިރުމަތީގެ ސުލްޙައަށް ބުރޫއަރާގޮތަށް ޢަމަލުރަމުންދާތީ ދިވެހިރާއްޖެއިން ވަނީ މިދިޔައަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހު އީރާނާއެކު އޮތް ސިޔާސީ ގުޅުންވެސް ކަނޑާލާފައެވެ.

ދިވެހި ރާއްޖެއިން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމް ކުރައްވާފައިވަނީ 26  މެއި1984 ގައެވެ.ޤަލްފު ސަރަޙައްދުގައި ހަމަނުޖެހުން އުފެއްދުމަށް ޤަތަރުން މަސައްކަތް ކުރާކަމަށް ބުނެ ސައޫދީ ޢަރަބިއްޔާ، ބަޙްރައިން، މިޞްރު، ޔަމަން، މޮރިޝަސް، ލީބިޔާ އަދި ޔޫއޭއީ އިންވެސް ވަނީ ޤަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.މި ގައުމުތަކުން ތުހުމަތުކުރަނީ ޤަތަރުން އައި.އެސް ހަނގުރާމަވެރި ޖަމާޢަތްފަދަ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުން ބާއްވަމުންދާ ކަމަށެވެ.