ތިމާވެށި

ޕްލާސްޓިކް މަދުކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށްޓަވައިފި


ރާއްޖޭގެ ކަނޑުތަކަށް ޕްލާސްޓިކް އެޅުން ހުއްޓާލައި، ކުނީގެ ގޮތުގައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށްޓަވައިފިއެވެ.

މި ކެމްޕެއިން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުންނާއި، އިންސާނުންގެ ފަރާތުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖެއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ކޮންފަރެންސްތަކުގައި ވަކާލާތުކޮށް، މުއާހަދާތައް ތަންފީޒުކުރުމަށް ބާރުއެޅުއްވުމަށްވެސް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ކަނޑަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށާއި، ހުއްޓުވުމަށް ފެއްޓެވި ޤައުމީ ކެމްޕެއިނަކީ ދިވެހިރާއްޖެއިން ތިމާވެށި ހިމާޔަތް ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެކެވެ. ކަނޑަށް އެޅޭ ޕްލާސްޓިކް މަދުކުރުމާއި ހުއްޓުވުމުގެ ކެމްޕެއިން އިފްތިތާހު ކުރައްވާފައިވާއިރު، މި ކެމްޕެއިނަށް ބޭނުންވާ ލޯގޯ ފަރުމާކުރުމަށް ސްކޫލް ދަރިވަރުންނަށް ވަނީ ހުޅުވާލައްވާފައެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗް ކޮށްދެއްވުމަށްފަހު ވާހަކަދައްވަމުން އެންވަޔަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ އެންވަޔަރމަންޓް މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގެ ކަނޑުތަކުގައި މައިކްރޯ ޕްލާސްޓިކް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އެތެރެކޮށް ބޭނުންކުރާ ކޮތަޅުތަކުގެ ބޮޑުބައެއް މިހާރު ބަޔޯޑިގްރޭޑަބަލްއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މި ކޮތަޅީކެވެސް ހަލާކުވެގެންދާއިރު އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދޭނެ އެއްޗަކަށްވުމުން މިކަން ބަދަލުކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއިން ބޭނުންކުރާ ޕްލާސްޓިކް މަދުކޮށް ކަނޑަށް އެޅޭ ޕްލާސްޓިކް މަދުކޮށް ހުއްޓުވުމަށް ފެއްޓެވި ޤައުމީ ކެމްޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ރާވައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.