ޚަބަރު

މިއަދަކީ ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަސް


މިއަދަކީ ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަހެވެ. ދުނިޔޭގެ ތިމާވެއްޓާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ އެންމެ ބޮޑު ދުވަހަކަށް މިދުވަސްވާއިރު ދުވަހާ ގުޅުވައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ފެންވަރުގައި ހަރާކަތްތަށް ހިންގަމުންދެއެވެ. ރަސްމީ ގޮތުން މިއަހަރުގެ ތިމާވެށި ދުވަސް ފާހަގަ ކުރަން ކަނޑައަޅާފައިވާ ޤައުމަކީ ކެނެޑާއެވެ. 

ދެހާސް ސަތާރަވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅުއްވާފައިވަނީ "ކަނެކްޓިން ޕީޕަލް ޓު ނޭޗަރ"އެވެ. މި ޝިޢާރުގެ ދަށުން ތިމާވެއްޓާ އިންސާނުންނާ ހުރި ގުޅުމާއި ތިމާވެއްޓަށް އިންސާނުން ބަރޯސާވެފައިވާ މިންވަރާ މެދު ވިސްނާ ފިކުރު ކުރުމަށް ބާރުއަޅައެވެ. 

އދ. ގެ ތިމާވެށި ޖަމްޢިއްޔާއިން ކަނޑައެޅި ޝިޢާރުގެ ސަބަބުން ބަވަނަ ވެފައިވާ ދުނިޔޭގައި އިންސާނުންނަށް ވެށީގެ މުހިއްމުކަން އިހުސާސްކުރެވި ތިމާވެށީގެ އަގުވަޒަންކުރެވޭނެކަމަށް އެޖަމްއިއްޔާއިން ވިދާޅުވެއެވެ. އެގޮތުން ރަސްމީގޮތުން ތިމާވެށި ދުވަސް ފާހަގަ ކުރެވޭ ޤައުމުކަމަށްވާ ކެނެޑާގައި، އެޤައުމުގެ، ޤައުމީ ޕާކުތަކަށް ޒިޔާރަތްކުރާ މީހުނަށް ހިލޭ އެފަދަ ތަންތަނަށް ވަދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި އެހެނިހެން ޤައުމުތަކުންވެސް އެ ޝިއާރުގެ ދަށުން މަސައްކަތްކުރުމަށް އދ.އިން ބާރުއަޅައެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ތިމާވެއްށީގެ ސަބަބުން މޫސުމަށް އަންނަ ކޮންމެ ބަދަލަކަށް ކުރިމަތިލާންޖެހޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭތީއެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ރާއްޖެދަނީ ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިންނަމޫނާ ދައްކަމުންނެވެ. ސަރުކާރުންދަނީ ބައިނަލްއަޤުވާމީ އެތަށް ވުޒާރާއަކަށް ތިމާވެއްޓާ ގުޅޭގޮތުން ރައްޖޭގައި ހުރި ކަންބޮޑުވުންތަށް ޙިއްސާކުރަމުންނެވެ. 

"ވޯލްޑް އިކޮނަމިކް ފޯރަމް"އިން ނެރޭ ގްލޯބަލް ރިސްކްސް ރިޕޯރޓްގައި ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ދެހާސް ސަތާރަ ވަނައަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް ޝޯރޓްލިސްޓް ކުރެވޭ އެންމެ ބޮޑު ފަސް ކަންތަކުގެ ތެރޭގައި ތިމާވެއްޓާ ގުޅުން ހުރި ކަންކަން ހިމެނެއެވެ. މިގޮތުން މޫސުމަށް އަންނަށް ބަދަލުތަކާ، ޖައްވު ހޫނުވުމާއި ފެނުގެ ދަތިކަމާއި ގްރީންހައުސް މާއްދަތަށް ޖައްވަށް ދޫކުރެވޭ ވަރު އިތުރުވުމާއި އާދަޔާ ޚިލާފަށް ނުރައްކާތެރި މޫސުމީ މައްސަލަތައް ހިމެނެއެވެ.

ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. އޭގެ ނުރައްކާ އެންމެ ބޮޑުވާ ޤައުމުތަކަކީ ކުދި ޖަޒީރާ ޤައުމުތަކެވެ. ރާއްޖެ މިމައްސަލާއިގައި ބަހުސްކުރާ މައިގަނޑު ސަބަބކީވެސް މިއީއެވެ. ސަރުކާރުންގެންދަވަނީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކަށް ކުރައްވަމުންނެވެެ. 

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ތިމަވެއްޓާބެހޭގޮތުން، ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ތިމާވެށީގެ ކޮންފަރެންސާ ގުޅުވައިގެންނެވެ. ރަސްމީ ގޮތެއްގައި މިދުވަސް ފަހަގަ ކުރަން ފަށާފައިވަނީ ނަވާރަސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރުއެވެ.