ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ޢާންމު ރައްޔިތުންނަށް ޚިދްމަތްދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
2.2 ބިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ސަރުކާރުން ޢިމާރާތްކުރައްވާ މިސެންޓަރުގެ މަސައްކަތް، ކަނޑައެޅިފައިވާ ތާވަލަށްވުރެ ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
ޢިމާރާތުގެ މަސައްކަތުގައި 200 އަށް ވުރެ ގިނަ މަސައްކަތްތެރިންނާއި، ފަންނީ މާހިރުން ޙަރަކާތްތެރިވަމުންދާއިރު، މިހާރު އެންމެ ހަލުވިކަމާއެކު ކުރިޔަށްދަނީ ކޮންކްރީޓް މަސައްކަތާއި ރޭނުމުގެ މަސައްކަތެވެ. މިހާރު ޢިމާރާތުގެ 17 ވަނަ ޝީޓްގައި ކޮންކްރީޓްގެ މަސައްކަތް ކުރަމުންދާއިރު، 12 ވަނަ ފަންގިފިލާގައި ރޭނުމުގެ މަސައްކަތްކުރިޔަށްދާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
"އަޅުގަނޑުމެން ލަފާކުރާގޮތުގައި ކުރިޔަށް އޮތް ތިން މަސްދުވަހުގެތެރޭގައި މުޅި އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމާލެވޭނެ. މިހާރު އެންމެ އެހެން ހުރިހައި ފަންގިފިލާއެއްގައި ރޭނުމުގެ މަސައްކަތްކުރިޔަށްދާއިރު،ހަވަނަ ފަންގިފިލާއާއި ހަމަޔަށް ޕްލަމްބިންގްގެ މަސައްކަތްވަނީ ނިންމާފައި.ފާޚާނާހޮޅިތައް ވެސް އަޅާނިންމާ ނިންމާފައިވާއިރު،ފަސް ވަނަ ފަންގިފިލާއާއި ހަމަޔަށް ސިމެންތި މަސައްކަތާއި ތަޅުން އެޅުމުގެ މަސައްކަތްވެސް މިވަނީ ކޮށްނިންމާފައި." އަޙްމަދު މައުސޫމް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14864768431430.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ / ފައިލް ފޮޓޯ: ޕީއެސްއެމް
އަޙްމަދު މައުސޫމް ވިދާޅުވީ، ޢިމާރާތުގެ ރޭނުމާއި ކޮންކްރީޓް މަސައްކަތް ކުރިޔަށްދާއިރު، އަލިފާން ނިއްވާ ނިޒާމުގެ ޤާއިމް ކުރުމުގެ ތައްޔާރީތައްވެސް ކުރަމުންދާކަމަށެވެ. ހަމަ އެހެންމެ ޚިދްމަތް ދިނުމަށްޓަކައި ބޭނުންވާ ފަންނީ އާލާތްތައް ހޯދުމުގެ މަސައްކަތްވެސް ވަކި އިންތިޒާމެއްގެ ދަށުން ކުރިޔަށް ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ، ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޚިދްމަތް ފެށުމަށް ސަރުކާރުން ތާވަލްކުރައްވާފައިވާ ތާރީޚްގައި ޢިމާރާތުގެ މަސައްކަތް ނިންމާ ޚިދްމަތް ފޯރުކޮށްދެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
"ޢިމާރާތަށް ބޭނުންވާ މެޝިނަރީޒް، އިކިއުޕްމެންޓް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށް އެބަދޭ. އެގޮތުން ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ޢިމާރާތަށް ބޭނުންވާ މެޝިނަރީޒް ގެނައުމުގެ މަސައްކަތް ކުރެވޭނެ. ދެން ޢިމާރާތުގެ އަލިފާން ނިއްވާ ނިޒާމުގެ ހޮޅިތަކާއި، ޕްރިންކްލާސްފަދަ ޓެކްނިކަލް މަސައްކަތްތައްވެސް މިހާރު ހަތްވަނަ ފަންގިފިލާއާއި ހަމަޔަށްވަނީ ނިމިފައި. މިހާރު މަސައްކަތް ކުރިޔަށްދާ ގޮތައް ބަލާނަމަ އަންނައަހަރުގެ ޖޫންމަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް ނިމި ޢާންމުންނަށް ޚިދްމަތް ފޯރުކޮށްދެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތް" އަޙްމަދު މައުސޫމް ވިދާޅުވިއެވެ.
އެއްފަހަރާ ސަތޭކަހާސް މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޢިމާރާތްކުރާ، 25 ބުރީގެ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ޙަވާލުކުރައްވައިގެނެވެ.