ޚަބަރު

ކޮލެޖުތަކާއި ކުންފުނިތަކުގެ ޤުރުޢާން މުބާރާތް ފަށައިފި


ރާއްޖޭގެ ޔުނިވަރސިޓީތަކަށާއި ކޮލެޖްތަކަށް އަދި ކުންފުނިތަކަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމްކުރައްވައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ. ކުންފުނިތަކުގެ މުޢައްޒަފުންނަށާއި، ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ހަތް ކުންފުންޏަކުން ބައިވެރިވެފައިވާއިރު، ދެ ޔުނިވަރސިޓީއަކާއި ކޮލެޖަކުންވެސް ބައިވެރިވެފައިވެއެވެ.

ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ދިހަ މުއައްސަސާއަކުން ޖުމްލަ ސާޅީސް ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެވިޑް ކޮލެޖާއި، މޯލްޑިވްސް ހައްޖު ކޮޕަރޭޝަނާއި އެމް.ޓީ.ސީ.ސީއާއި، ފެނަކަ ކޯޕަރޭޝަންފަދަ ކުންފުނިތައް ހިމެނެއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މިފަދަ މުބާރާތްތަކަކީ ޤުރުއާނަށް ލޯބި ޖެއްސުމާއި އަދި އުނގެނުމަށް އޮތް މުހިންމު ފުރުޞަތެއްކަމަށެވެ.

އިބްރާހީމް ރަޝީދު މޫސާގެ ވާހަކަފުޅުގައި ކީރިތި ރަސޫލާގެ ހަދީޘް ތަކުން މިސާލު ނަންގަވައި ޤުރުއާނުގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މި މުބާރާތުން އެއް ވަނައަށް އަންނަ ފަރާތަކަށް ދިހަ ހާސްރުފިޔާގެ އިނާމެއް ހުށައަޅުއްވާފައެވެ. ދެވަނައަށް އަންނަ ފަރާތަކަށް ހަތް ހާސް އަދި ތިންވަނައަށް އަންނަ ފަރާތަކަށް ފަސްހާސް ރުފިޔާ ހުށައަޅާފައިވެއެވެ. މި މުބަރާތް ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭއްވެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.