ކުޅިވަރު

ގިނަ ރެކޯޑްތަކަކާއިއެކު ރިއާލް ޔޫރަޕްގެ ޗެމްޕިއަން ހޯދައިފި


ޔުވެންޓަސްގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމުގެ ރެކޯޑާއެކު ބާރަވަނަ ފަހަރަށް ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ޔޫރަޕްގެ ކްލަބް ފެންވަރުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޔުވެންޓަސްގެ މައްޗަށް ހަތަރެއް އެކަކުން ރިއާލް މެޑްރިޑް ކުރި ހޯދިއިރު، މެޗުގައި ރިއަލް މެޑްރިޑުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ލަނޑާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ސަތޭކަ ފަހަކަށް އަރާފައެވެ. ރިއާލްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ކަސަމީރޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނުކުތް މާކޯ އަސަންސިއޯއެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ މަންޒޫކިޗެވެ. 

ރޭގެ މެޗް ޔުވެންޓަސްއިން ނިންމާލީ ދިހަ ކުޅުންތެރިންނާއިއެކުއެވެ. މެޗްގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔުވެންޓަސްގެ ކުއަޑްރާޑޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

ރޭގެ މެޗަށްފަހު ރިއާލް މެޑްރިޑުން ރިކޯޑްތައް މުގުރާލިއިރު ކޯޗް ޒިދާންވެސްވަނީ ރެކޯޑެއް ހަދާފައެވެ. މިއީ ރިއަލް މެޑްރިޑްގެ ކޯޗް ޒިދާންގެ އިރުޝާދުގެ ދަށުން ރިއަލް މެޑްރިޑް ކާމިޔާބުކުރި ދެވަނަ ޗެމްޕިއަންސް ލީގެވެ. ޒިދާން ވެގެންގޮސްފައިވަނީ 1990ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ ޝަރަފްވެރި މުބާރާތުގެ ފައިނަލް ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ. 

މީގެ ކުރިން ރިއާލް މެޑްރިޑްވަނީ އެންމެ ފަހުން އެޓީމް ކުޅުނު ހަ ޗެމްޕިއަންސް ލީގްގެ ފައިނަލްވެސް ކާމިޔާބުކޮށްފައެވެ. ޔޫރަޕްގެ ވަރުގަދަ މުބާރާތުގެ ފައިނަލްގައި ވާދަކޮށް އެޓީމް އެންމެ ފަހުން ބަލިވެފައިވަނީ 1981ވަނަ އަހަރުގައެވެ. 

ރޭގެ ފައިނަލަކީ 1996 ވަނަ އަހަރުގެ ޔުވެންޓަސް މި މުބާރާތް ކާމިޔާބުކުރި ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް ބަލިވި ފަސްވަނަ ފަހަރެވެ. 

ރޭގެ ފައިނަލަށްފަހު ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މެޗަށް ނިކުތްއިރު ހުރިހާވެސް ވިސްނުމެއްހުރީ ތަށި ދިފާއުކުރަންކަމަށާއި، ރެކޯޑާއިއެކު މެޗް ނިންމާލެވުމަކީ ސަޕޯޓަރުންނާއި މުޅި މެޑްރިޑް އާއިލާއަށް ލިބުނު ހިތްހަމަޖެހުމެއްކަމަށެވެ. ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ފުރަތަމަ މެޗުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ކުޅުންތެރިން ދެއްކި ހިތްވަރަކީ މެޗުން މޮޅުވި މައިގަނޑު ސަބަބުކަމަށްވެސް 2002ވަނަ އަހަރު ރިއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަށި އުފުލާލި ޒިދާން ބުންޏެވެ.

ރޭގެ މެޗުން ބަލިވި ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނީ ފައިނަލުން ބަލިވިޔަސް ސީޒަންގައި ކުޅުންތެރިން ދެއްކި ހިތްވަރަށް މަރުޚަބާ ކިޔާކަމަށެވެ. އަދިވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދު ގެއްލުވާ ނުލާކަމަށާއި، ޔުވެންޓަސް އެނބުރި އަންނާނެކަމަށްވެސް އެލެގްރީ ބުންޏެވެ.

ރޭގެ ފައިނަލަކީ 1958 ވަނަ އަހަރަށް ފަހު އެއް ސީޒަނެއްގައި ޔޫރަޕުގެ ޗެމްޕިއަންކަމާއި ސްޕެއިނުގެ ޗެމްޕިއަންކަން ރިއާލް މެޑްރިޑުން ހޯދި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުން މޮޅުވުމާއިއެކު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކުޅޭ ޔުއެފާ ސުޕަކަޕް މެޗުގައި ޔޫރޮޕާލީގްގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑާއި ވާދަކުރާނީ ރިއާލް މެޑްރިޑެވެ.