ޚަބަރު

ފުވައްމުލަކު ސިޓީ ކައުންސިލް އުފައްދަވައިފި


ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަމުގައި ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލް މި އުފެއްދެވީ އެ ސިޓީގައި އިންތިޚާބުކުރެވުނު ފުރަތަމަ ސިޓީ ކައުންސިލްގެ ދައުރު ފެށޭ ދުވަހާ ދިމާކޮށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ޏ. ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2016 ވަނަ އަހަރު ވަނީ ޏ. ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ކަނޑައަޅުއްވާފައެވެ. އަދި ޤާނޫނު ނަންބަރު 2010/7 ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަމުގައި ސިޓީ ކައުންސިލެއް އުފައްދަވައި، އެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން "ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މިވަނީ އެ ރަށު އައު ސިޓީ ކައުންސިލްގެ ދައުރު ފެށޭ ތާރީޚްގައި އުފައްދަވާފައެވެ.

ޏ. ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއާއި، ފުވައްމުލަކުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުރިން ހިނގަމުން އައި ކައުންސިލްތަކުގެ ޤާނޫނީ މުއްދަތު ހަމަވެފައިވާތީ، އެ ކައުންސިލްތަކާއި، އެ ކައުންސިލްތަކުގެ އިދާރާތައް ޖޫން 3 ން ފެށިގެން ފެށިގެން ވަނީ އުވާލައްވާފައެވެ. މިގޮތުން އުވާލެއްވި ކައުންސިލްތަކަކީ:

1. ފުވައްމުލަކު / ޏ. އަތޮޅު ކައުންސިލާއި، ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ

2. ފުވައްމުލައް / ޏ. އަތޮޅު ދަޑިމަގު ކައުންސިލާއި، ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ

3. ފުވައްމުލައް / ޏ. އަތޮޅު ދިގުވާޑު ކައުންސިލާއި، ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ

4. ފުވައްމުލައް / ޏ. އަތޮޅު ހޯދަޑު ކައުންސިލާއި، ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ

5. ފުވައްމުލައް / ޏ. އަތޮޅު މާދަޑު ކައުންސިލާއި، ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ

6. ފުވައްމުލައް / ޏ. އަތޮޅު މިސްކިތްމަގު ކައުންސިލާއި، ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ

7. ފުވައްމުލައް / ޏ. އަތޮޅު ފުނާޑު ކައުންސިލާއި، ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ

8. ފުވައްމުލައް / ޏ. އަތޮޅު މާލެގަން ކައުންސިލާއި، ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ

9. ފުވައްމުލައް / ޏ. އަތޮޅު ދޫޑިގަން ކައުންސިލާއި، ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި، އެ ކައުންސިލުން ފޯރުކޮށްދޭނޭ ޚިދުމަތްތަކަކީ، މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށްވެސް 2016 މޭ 8 ވަނަ ދުވަހު ކަނޑައަޅުއްވާފައިވާ ބާރުތަކާއި، ޚިދުމަތްތައް ކަމުގައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.