ޚަބަރު

ތައިލޭންޑުގެ ބާޒާރުގައި މަހުގެ އަގު އުފުލިއްޖެ


ރާއްޖެއިން އެންމެ ގިނައިން ފިނިކުރި ކަނޑުމަސް ބޭރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑުގެ ބާޒާރުގައި މަހުގެ އަގު އުފުލިއްޖެއެވެ.

ދިވެހިރާއްޖެއިން ފިނިކުރި ކަނޑުމަސް އެންމެ ގިނައިން ބޭރުކުރާ އެއް ޤައުމަކީ ތައިލެންޑެވެ. ފިޝަރީޒް މިނިސްޓްރީން ޢާންމުކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ތައިލޭންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު ވަނީ މިދިޔަ މަހާ އަޅާ ބަލާއިރު މައްޗަށް ޖެހިލާފައެވެ. މިދިޔަ މަހު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއް ވިއްކީ 1،650 ޑޮލަރަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 25،443 ރުފިޔާއެވެ. އެހެންނަމަވެސް މިމަހު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއްގެ އަގު މިހާރު ހުރީ 1،850 ޑޮލަރުގައެވެ. އެއީ 28،527 ރުފިޔާއަށެވެ.

މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 12 އިންސައްތަ ބޮޑު ޢަދަދެކެވެ. ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސްގަންނަމުންދަނީ ފިނިކުރި މަސް ކިލޯއެއް 19 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސްކިލޯއެއް 17 ރުފިޔާއަށެވެ. ރާއްޖޭގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން މިދިޔަ ހަފްތާގައި ކަންނެލި ކިލޯއެއް ގަނެފައިވަނީ 75 ރުފިޔާއަށެވެ. ނަމަވެސް މި ހަފްތާގައި ބޮޑުކަންނެލި ކިލޯއެއް 77 ރުފިޔާ 50 ލާރިއަށް އަގު މައްޗަށް ޖެހިލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް 150 ޓަނު 186 ކިލޯ ކަންނެލި ކިރުވާފައިވާއިރު، 37 ޓަނު 194 ކިލޯގެ ލޯބޮޑު ކަންނެލި މިދިޔަ ހަފްތާގައި ކިރުވާފައިވާކަން ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބޭރުކުރާ އެއް މާރކެޓް ކަމަށްވާ ސްޕެއިންގެ މާރކަމެޑްރިޑްގެ މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި 647 ރުފިޔާ 73 ލާރިއަށް ހުރިއިރު މިހަފްތާގައި ކަންނެލި ކިލޯއެއް ހުރީ 149 ރުފިޔާ 55 ލާރި އަށެވެ.