ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ސަބް-ބޭހަކީ ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރުއެޅުމުގެ ކުރިން، ވެއްޔާއި، ހިލަ އަދި ހިލަވެލި ބޭނުންކޮށްގެން އަޅާ ކޮންކްރީޓް ބޯ ފަށަލައެކެވެ. އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމެވުމަށް އަމާޒު ހިފާފައިވާއިރު، ރަންވޭގެ މަސައްކަތް ހުއްޓުމެއްނެތި ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. img:http://s2.psmnews.mv/images/660x400/14964827966404.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރައްވައި، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން މިވަގުތު ހިންގަވާ އެންމެ މުހިއްމު މަޝްރޫޢެވެ. އަދި މިއީ އެއަރޕޯޓުގެ 50 އަށްވުރެ ގިނަ އަހަރުވީ ދިގު ތާރީޚުގައިވެސް އެއަރޕޯޓުގެ ތަރައްޤީއަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު ވެސްމެއެވެ. ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރުމިނުގައި ކުރިޔަށް ގެންދަވަނީ އެއަރޕޯޓުގައި ހަދާ އައު ރަންވޭގެ މަސައްކަތެވެ.

އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދަނީ 3200 މީޓަރު ދިގު، 45 މީޓަރުގެ ފުޅާ ރަންވޭއެކެވެ. ނަމަވެސް އެއަރޕޯޓަކީ 24 ގަޑިއިރު ހުއްޓުމެއްނެތި އޮޕަރޭޝަންތައް ކުރިއަށްދާ ތަނަކަށްވެފައި، ދުވާލެއްގެ މައްޗަށް އެތައް ފްލައިޓެއް ޙިދުމަތް ހޯދަމުން އަންނަ ތަނަކަށްވެފައި، މި ރަންވޭއަކީ މިހާރަށް ބަލާނަމަ، ޖާގައިގެ ގޮތުން އެންމެ އެކަށީގެންވާ ރަންވޭއެއް ނޫނެވެ. އެހެންކަމުން އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ފަށްޓަވާފައިވާ މަސައްކަތަކީ އެއަރޕޯޓުގައި ފެންވަރު ރަނގަޅު އައު ރަންވޭއެއް ހެދުމުގެ މަސައްކަތެވެ. އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓްކަމަށްވާ އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށްވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ފަދަ ތަނަވަސް ރަންވޭއެކެވެ. img:http://s2.psmnews.mv/images/660x400/14964828951675.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، މިމަޝްރޫޢުގެ ހުރިހާކަމެއްވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމި، ރަންވޭގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ސަބް-ބޭސް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޢާދިލް ވިދާޅުވިއެވެ. ރަންވޭއެއް އެޅުމުގެ ކުރިން ޓެކްނިކަލްގޮތުން ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަން ޢާދިލް ފާހަގަކުރެއްވިއެވެ.

"ރަންވޭއެއްގައި ތާރު ފަށަލައެއް އެޅުމުގެ ކުރިން ވަރަށް ގިނަ ކަންތައްތަކަށް ބަލަންޖެހޭ. ފުރަތަމަ ވެލިގަނޑު އެއްވަރުކުރުމާއި، ކޮމްޕެކްޝަން ހެދުމާއި، ސޮއިލް އިންވެސްޓިގޭޝަން ރިޕޯޓްތައް ހެދުމާއި، މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ. ގާތްގަނޑަކަށް ކޮންމެ ދުވަހެއްގައިވެސް ވަރަށް ބައިވަރު ފްލައިޓްތަކެއް ރަންވޭއަށް ޖައްސާއިރު، ޓެކްނިކަލްގޮތުން ފުރިހަމަ ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރޭ. އެކަންކަން ފުރިހަމަވެގެންނޫނީ، ފްލައިޓަށް ބޭނުންވާ ސެކިއުރިޓީއާއި ސޭފްޓީ ޤާއިމެއް ނުކުރެވޭނެ. އެހެންކަމުން މިކަންތައްތައް ފުރިހަމަ ކުރުމަށް އަޅުގަނޑުމެންގެ އެކްސްޕަރޓުންނާއި، ކޮންސަލްޓެންޓުން ވަރަށް ބާރަށް މަސައްކަތް ކުރަމުން މިދަނީ.." އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14964829600967.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

މިދުވަސްވަރު މާލެ ހިމެނޭ ސަރަޙައްދަ މޫސުން ގޯސްކޮށް އުޅުނުނަމަވެސް އެއަރޕޯޓުގެ އައު ރަންވޭގެ ސައިޓް ފެންނަނީ ވަރަށް ބިޒީކޮށެވެ. އެއަރޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫނާރާ ގޮތަށް، ރަންވޭގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

އައު ރަންވޭގެ އިތުރުން، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ އިތުރު ވަސީލަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް ހުޅުލެއަށް 63 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިންހެން ނިމިފައިވާއިރު، ބިން ހިއްކި ސަރަޙައްދުތަކަށް ބޭނުންވާ ޝީޓް-ޕައިލް ކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. img:http://s4.psmnews.mv/images/660x400/14964829148402.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

"ބިން ހިއްކުމުގެ މަސައްކަތް މިހާރު އެއޮތީ އެއްކޮށް ނިމިފައި. އަޅުގަނޑުމެން މިމަހުގެ ތެރޭގައި މިފަށަނީ ޝީޓްޕައިލް ކުރުމުގެ މަސައްކަތް. މިއަންނަ ހަފްތާގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއި، އިންޓަރނޭޝަނަލް ޓަރމިނަލް، އަދި ސީ-ޕްލޭން ޓަރމިނަލް ސަރަހައްދަށް ބޭނުންވާ ޝީޓްޕައިލް ލިބޭނެ. އެތަކެތި ލިބުމާއެކު މިމަހުގެ 15 ގެ ކުރިން ޝީޓްޕައިލް ޖެހުމުގެ މަސައްކަތް ފެށޭނެ. މިވެސް ވަރަށް ބޮޑު މަޝްރޫޢެއްގެ ގޮތުގައި އަޅުގަނޑުމެން މިދެކެނީ" އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14964829870674.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

އެއަރޕޯޓުގައި އަލަށް ހަދާ ސީ-ޕްލޭން ޓަރމިނަލްގެ ޑީޓެއިލް ޑިޒައިން ނިންމާ، ކައިރި މުސްތަޤުބަލެއްގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކާގޯ ކޮމްޕްލެކްސްއާއި، ފިއުލްފަރމް ތަރައްޤީ ކުރުމަށް ބޭނުންވާ ސަރަޙައްދުތައް ކަނޑައެޅި، އެތަންތަނުގައި ކޮންޓްރެކްޓަރ މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ރަންވޭގެ މަސައްކަތާއި، ފިއުލްފަރމާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ޓާމިނަލްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.