ޚަބަރު

މަޝްހޫރު ބްރޭންޑްތައް އަންނާނެކަމުގެ ޔަޤީންކަން ލިބިއްޖެ


ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކުގެ ތެރެއިން ޕިއްޒާ ހަޓް، ކޭއެފްސީ އަދި މޫވެން ޕިކްގެ އައުޓްލެޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުޅުވާނެކަމުގެ ޔަޤީންކަން އެކުންފުނިތަކުން ދީފައިވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.  

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ދަނީ ޑޮމެސްޓިކް ޓަރމިނަލް ޖެޓީ ސަރަހައްދުގައި ތަރައްޤީކުރާ އިމާރާތަށް ދުނިޔޭގެ މަޝްހޫރު ބުރޭންޑުތަކުގެ ރެސްޓޯރެންޓުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ޕިއްޒާ ހަޓް، ކޭއެފްސީ އަދި މޫވެން ޕިކްއިން ރާއްޖެ އަންނާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށެވެ. މި ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑަތައްވެސް ގެނައުމަށް މަޝްވަރާތައް ކުރަމުންދާކަމަށްވެސް އާދިލް މޫސާ ވިދާޅުވިއެވެ.

އާދިލް މޫސާ ވިދަޅުވީ ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެ ކަމަށެވެ. އަދި އެ އިމާރާތުގައި ފްރެންޗައިސް ރެސްޓޯރެންޓުތައް ހުޅުވާ މިއަހަރުގެ ތެރޭގައި އާއްމުންނަށް އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.