ތިމާވެށި

އެމެރިކާގެ ނިންމުމުގެ ސަބަބުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި


އެމެރިކާ ސަރުކާރުން ޕެރިސް އެގްރީމެންޓުން ވަކިވާން ނިންމި ނިންމުމާމެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕެރިސް އެގްރިމެންޓުން ވަކިވާން އެމެރިކާއިން ނިންމި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، " އެމެރިކާގެ މި ނިންމުމާމެދު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސޭޓްސް" އޭއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކަންބޮޑުވާކަމަށެވެ. އަދި އެމެރިކާގެ މި ނިންމުމަކީ ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށްވެސް ރައީސް ޔާމީންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޕެރިސް އެގްރީމެންޓުން ވަކިވާން އެމެރިކާއިން ނިންމާފައިވާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޕެރިސް އެގްރީމެންޓަށް ތާޢީދުކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ޕެެރިސް އެގްރީމެންޓުން ވަކިވާން އެމެރިކާއިން ނިންމާފައިވާއިރު ދުނިޔޭގެ ބޮޑެތި ބާރުތައްކަމަށްވާ ޔޫރަޕްގެ އިއްތިހާދާއި ޗައިނާއިން މިއަހަރުގެ ސެޕްޓެމްބަރު މަހު، މޫސުމާބެހޭ ޚާއްޞަ ސަމިޓެއް ބޭއްވުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ، މި ބަޔާނުގައި ވިދާޅުވެފައިވަނީ ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އިންޑިޔާއާއި ބްރެޒިލްފަދަ ޤައުމުތަކުންވެސް އެއްބާރުލުންދޭން ނިންމާފައިވާކަމަށެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި ޒަމާނުއްސުރެ ރާއްޖެއިން އަދާކުރާ ދައުރު ކުރިއަށް އޮތްތާގައިވެސް އެގޮތުގައި އަދާކުރާނެކަމަށާ، މިކަމުގައި ރާއްޖެއާއެކު މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއެކު ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ދެއްވާފައިވެއެވެ. އަދި ދިވެހި ރާއްޖެއަކީ އދ. ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ އެންމެ ބޮޑު އަދި ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއް ޤައުމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.