ތަރައްްޤީ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - ފުލުހުންގެ އެހީތެރިކަން ބޮޑު


މެއިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މިހާރު ކުރަމުންދާ ވިއްސަރާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބފައިވަނީ އައްޑޫސިޓީއާއި ގދ ތިނަދޫއާއި ފ ނިލަންދޫއަށެވެ. އައްޑޫސިޓީއާއި ނިލަންދޫ ނަގޫރޯޅިއެއް އަރާ ބައެއް ގޭގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ގދ.ތިނަދޫއަށް އައި ކޮޅިގަޑެއްގައި އެރަށުގެވެސް ބައެއް ގޭގެއާއި ގުދަންތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެއިތުރުން މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ގެއްލުންތައްވެސް ވަނީ ލިބިފައެވެ. މިކަމުގައި ދައުލަތުގެ އެކި އިދާރާތަކުން ގެންދަވަނީ އަވަސް އެހީތެރިކަން ދެއްވަމުންނެވެ. އެގޮތުން އެންމެފުރަތަމަ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވި، އައްޑޫސިޓީގެ 12 ގެއަކަށް ލިބުނު ގެއްލުންތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މަސައްކަތުން ވަނީ ހައްލުކޮށްދެއްވާފައެވެ.

މިހާރުކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ދިމާވާ ހާދިސާތަކުން އަރައިގަތުމަށް ދިވެހި ފުލުހުންވެސް ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ހާދިސާއެއް ހިނގައި އެކަން ރިޕޯޓް ކުރެވޭ ހިސާބުން ފެށިގެން، ގެއްލުންތައް އެއްކޮށް ފޫބައްދައި ނިމެންދެން ފުލުހުން ގެންދަވަނީ އެހީތެރިކަން ދެއްވަމުންނެވެ.  

img:http://s1.psmnews.mv/images/660x400/14952639146372.jpg|އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާޝަމްގޭގެ ފުރާޅު ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަނީ - ފޮޓޯ: ޕީއެސްއެމް

ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މޫސުމީ ވިއްސާރައާ ގުޅިގެން ގެއްލުންވާ ތަންތަނަށް އެންމެ ފުރަތަމަ ގޮސް އެހީތެރިކަން ދެއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރައްވާ އެއް ބަޔަކީ ފުލުހުންކަމަށެވެ. އެގޮތުން ގޭގޭގެ ފުރާޅު އެއްލާލުމާއި، ފުރާޅުމައްޗަށް ގަސްވެއްޓުންފަދަ ބޮޑެތި ކަންކަމުން ފެށިގެން، ގޭގެއަށް ފެންވަނުން ފަދަ ކުދި ކުދި ކަންކަމުގައިވެސް، އެންމެ ގާތުން ފުލުހުން އެހީތެރިވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫސިޓީގައި ހިނގި ޙާދިސާއާއި، ފ. ނިލަންދޫ އަދ ގދ. ތިނަދޫގައި ހިނގި ޙާދިސާގައިވެސް، އެންމެ ގާތުން އެހީތެރިވެދެއްވައި، ރައްޔިތުންނަށް ދިމާވިކަންކަން ޙައްލުކޮށްދެއްވުމުގައި ފުލުހުން ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ޝިފާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 117 ރަށެއްގައި ފުލުހުން ޤާއިމުވެތިބިކަން ފާހަގަކުރައްވައި، ޝިފާން ވިދާޅުވީ، ފުލުހުން ޢަމާޒަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި އެންމެ ގާތުން ޚިދުމަތް ދިނުންކަމަށެވެ. އެގޮތުން މިފަދަ ޙާދިސާތަކާ ގުޅިގެން ޢާއިލާތަކަށް ދިމާވާ ދަތިތައް އެންމެ ގާތުން ދެނެގަނެ، އެކަންކަން ޙައްލުކޮށްދެއްވުމުގައި ފުލުހުން ދެމިތިބޭނެކަމަށް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ލިބޭ ގެއްލުންތަކުގައި ސިފައިންނާއި، ފުލުހުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި، ޑިފެންސް މިނިސްޓްރީގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓާއި، ކައުންސިލް އިދާރާތަކާއި ޢާންމު ރައްޔިތުންވެސް ގެންދަވަނީ އެހީތެރިވުމުގައި ޢަމަލީގޮތުން ބައިވެވިވަމުންނެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ރައީސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.