ޚަބަރު

ހަބޭސް ބޮޑުބެރު ގުރޫޕުގެ މަދަހަ އަލްބަމް ނެރެފި


ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހަބޭސް ބޮޑުބެރު ގުރޫޕުން އުފެއްދި މަދަހަ އަލްބަމް ނެރެފިއެވެ. 

ޒަމާންގެ ނަމުގައި ނެރުނު މި ޑީވީޑީގައި ހިމެނެނީ މުޅިންވެސް އަމިއްލަ ރާގުތަކެވެ. ޒަމާން މަދަހަ އަލްބަމަކީ މިއުޒިކާ ނުލާ ކިޔާފައިވާ އަމިއްލަ ރާގުގެ އަލްބަމެކެވެ. މިއަލްބަމްގެ މަދަހަތައް ކިޔާފައިވަނީ ހަސަން ތޮލާޤް، ހަސަން ޝާރިމް، ނަސްރުﷲ މުޙައްމަދު، މޯލްޑިވިއަން އައިޑޮލް ސީޒަން ޓޫއިން ވިދާލި، އިބްރާހިމް ވަހީދު ބޮޑުބެ، އަހުމަދު ސައްޔާހު، އިބްރާހިމް މަމްދޫހް މަންޑޭއެވެ.

މި ޑީވީޑީގައި އަމިއްލަ ރާގުގެ ހަތް މަދަހަ ހިމެނެއެވެ. ހުރިހާ މަދަހަތަކެއްވެސް ހަދާފައިވަނީ ހަބޭސް ސްޓޫޑިއޯއިންނެވެ. ހަބޭސްގެ މެނޭޖަރ މާރކެޓިން އަލީ މަމްދޫހް ބުނީ، ބޭނުން ކޮންމެ މީހަކަށް މި އަލްބަލް ހިލޭ ލިބޭނެކަމަށެވެ. މިގޮތުން ހަބޭސް ސްޓޫޑިއޯއިން މި އަލްބަމްގެ ވީޑިއޯ ސީޑީ ލިބެން ހުންނާނެކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ މާލްދީބް ފިހާރައިންވެސް މަދަހަތައް ލިބެން ހުންނާނެކަމަށް ހަބޭސް ބޮޑުބެރު ގްރޫޕުން ބުނެއެވެ. ޒަމާން މަދަހަ އަލްބަމަށް އާންމުންގެ ބޮޑުތަރުޚީބެއް ލިބެމުން އަންނަކަމަށާއި މިހާތަނަށް ހާހެއްހާ ކޮޕީ ހުސްވެފައިވާކަމަށް އެގްރޫޕުން ބުނެއެވެ. ރަމަޟާންމަހަށް ޚާއްސަކޮށްގެން ހަބޭސްބޮޑުބެރު ގްރޫޕުން ތައްޔާރު ކުރި މަދަހަ އަލްބަމަކީ ހަބޭސްގެ ސަޕޯޓަރުންނަށް ރަމްޟާން މަހަށް ދިން ރޯދަ ހަދިޔާއެއް ކަމަށް އެގްރޫޕުން ބުނެއެވެ.