ޚަބަރު

ޑަބްލިޔު.އެޗް.އޯގެ 70 ވަނަ ޢާންމު ބައްދަލުވުން ނިންމާލައިފި


ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިޔު.އެޗް.އޯގެ 70 ވަނަ ޢާންމު ބައްދަލުވުން އިއްޔެ ނިންމާލައިފިއެވެ. 

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި މިބައްދަލުވުމުގައި މެމްބަރު 194 ޤައުމުތަކުން ބައިވެރިވިއެވެ. މިފަހަރުގެ އެސެމްބްލީގައި، އެޖަމްޢިއްޔާގެ އާ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ ހޮވާފައެވެ. ކުރިޔަށް އޮތް ފަސް އަހަރުދުވަހަށް މިމަޤާމަށް ޢައްޔަންކޮށްފައިވަނީ، އިތިއޯޕިއާއަށް ނިސްބަތްވާ ޑރ.ޓެޑްރޮސް އަދަނޮމްއެވެ. 

މިބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ތަޤްރީރުކުރައްވާފައެވެ. މިބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ވަނީ ސަޢޫދީ ޢަރަބިއްޔާ، ޗައިނާ، މެލޭޝިއާ އަދި ސައިޕްރަސްގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.

މިއަހަރުގެ ޢާންމު ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއިން މެލޭރިއާ ބަލި ނައްތާލާފައިވާތީ، އެކަން ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވާފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލާއި މިސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރާއި، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި ޤައުމުތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޙަފްލާގައި މިނިސްޓަރ ނާޡިމް ވަނީ މެލޭރިއާ ނައްތާލުމަށް ރާއްޖެއިން ކޮށްފައިވާ މުހިންމު މަސައްކަތްތައް އެހެން ޤައުމުތަކާ ޙިއްސާކުރައްވާފައެވެ. އަދި މެލޭރިއާއިން ރައްކާތެރިވެފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި އެހެނިގެން ޤައުމުތަކުގެ އެހީތެރިކަމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ނާޡިމް ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 70 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އަލަށް ހޮވިވަޑައިގެން ޑރ. ޓެޑްރޮސް އަދަނޮމްއަށް ދަޢުވަތު އަރުއްވާފައެވެ.