ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބް ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު ޢާޞިމް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ތައުޒިޔާއާއި ހަމްދަރުދީ ވިދާޅުވިއެވެ. އަދި، މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅަށް ތަޢުރީފު ކުރައްވައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީލަންކާގައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީއަށް އުއްމީދު ކުރައްވާ ކަމުގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، މި ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސްރީލަންކާގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ އަރިހުގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޢަބްދުﷲދީދީއާއި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.