ޚަބަރު

ފ.ނިލަންދޫއަށް ނަގޫރޯޅިއެއް އަރައިފި


ފ.ނިލަންދޫއަށް ނަގޫރޯޅީއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ކަމެއްވި ކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ރަށުގެ 10 ވަރަކަށް ގޭގެ ފުރާޅުން ބައެއް އެއްލާލާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި 2 ގެއެއްގެ ފުރާޅު އެއްކޮށް އެއްލާލާފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މިހާދިސާގައި ނިލަންދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ބައެއް ގޭގޭގެ ކަރަންޓް ސާމާނާއި ހިފާ ގެންގުޅޭ ސާމާނުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އަދި ނަގޫރޯޅިއެރުމުގެ ސަބަބުން ރަށުގެ ބައެއް ރުއްގަސްތައްވެސް ވެއްޓިފައިވެއެވެ.

މިހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން އެބަގެންދަވައެވެ.