ކުޅިވަރު

ފޯރި ގަދަކުރެވޭނީ މާޒީ ވުޖޫދަށް ގެނެސްގެން - މާއްޓޭ


ފުޓްބޯޅައިގެ ފޯރި ގެންނަން ބޭނުންވާނަމަ، ދިވެހި ފުޓްބޯޅައިގެ މާޒީ ވުޖޫދަށް ގެންނަން ޖެހޭކަމަށް ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މައުރޫފް އަހުމަދު، މާއްޓޭ ބުނެފިއެވެ.

 މާއްޓޭ ބުނީ ފޭން ބޭސް ބޮޑުކުރެވޭނީވެސް ކުރީގެ ކުޅުންތެރިންވެސް ގެނެސް ދައްކައިގެން ކަމަށެވެ. އަބަދުވެސް އެއިރެއްގެ ކުޅުންތެރިންނަށް އެކަނި އަމާޒުކޮށްގެން އެފޯރި ނުގެނެވޭނެކަން މާއްޓޭ ފާހަގަކުރިއެވެ. އޭނާ ބުނީ ސަޕޯޓަރުން ކްލަބްތަކަށް ސަޕޯރޓްކުރަން ފަށަފައިވަނީ ކުރީގެ ކުޅުންތެރިން ކުޅެމުންދިޔައިރު ކަމުން، އެކުޅުންތެރިންނާވެސް ސަޕޯޓަރުން ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން އޮންނަނީ އެހެންކަން މާއްޓޭ ފާހަގަކުރިއެވެ.

" ފޯރި ގެންނަކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންގެ މާޒީ އެބަޖެހޭ ވުޖޫދަށް ގެންނަން. އަޅުގަނޑުމެންގެ ބޭސް ބޮޑުކުރަން އެބަޖެހޭ. ކުރީގަ ތިބި މީހުންނަކީވެސް މީގެތެރޭގައި ތިބި މީހުން، އެމީހުން ދޫކޮށްލާފަ އަނެއްކާ އާބައެއް ނަގާކަމަށް ވެއްޖިއްުޔާ މަދުވާނެތާ. އެހެންވީމަ އެމީހުންވެސް މީގެތެރެއަށް ލައިގެން ފޭން ބޭސް ބޮޑުކުރަން ޖެހޭނީ. ދުނިޔޭގެ އެހެން ތަންތާވެސް އެކަން އޮންނަނީ އެހެން. މިސާލަކަށް ބާސާލެނޯގައި މިއަދު ކުޅޭ މީހުންގެ ފޭނުންނެއް ނޫން އެތިބެނީކީ. މާކުރިން ކްރައިފްމެން، ރޮނަލްޑީނިއޯމެން ކުޅުނު އިރުގެ މީހުންވެސް މީގެތެރޭގައި ތިބޭނެ. އެމީހުން ދޫކޮށެއް ނުލާނެ . މާއްޓޭ ބުންޏެވެ.

މާއްޓޭއަކީ ކޯޗެއްގެ ގޮތުގައާއި ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީއާއެކު ޤައުމީ ތަށި މިލްކްކޮށްފައިވާ ފަރާތެކެވެ. އަދި ކުރިން ޤައުމީ ޓީމްގެ ގޯލްވެސް ބަލަހައްޓާފައިވާ މޮޅު ކީޕަރެކެވެ.