ވިޔަފާރި

ކުޅުދުއްފުށީގެ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ




ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހދ.ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ ސަތޭކަ ފަސްދޮޅަސް ފަސް ރޯހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ސަތާރައިގައި ހުޅުވާލެވޭނޭ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ، މި ރޯހައުސްތަކުގެ ތެރެއިން ފަސްދޮޅަސް އިންސައްތަ ދޫކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަމަށާއި، ބާކީ ސާޅީސް އިންސައްތަ ދޫކުރާނީ އެހެނިހެން ރަށްރަށުގެ މީހުންނަށް ކަމަށެވެ. މިގޮތުން މި މަހުގެ ތޭވީހުން ފެށިގެން ފޯމު ހުށައެޅޭނެ ކަމަށާއި، ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ، އަންނަ އޭޕްރީލް މަހުގެ ތޭވީސްވަނަ ދުވަސް ކަމަށް  ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.


 
އެ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ، ފޯމުތައް ހުށައަޅާ ނިމުމުން، ރޯ ހައުސްތައް ލިބޭނޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ކޮމެޓީއެއް އެކުލަވާލުން ކަމަށާއި، ކޮމެޓީގައި ހިމެނިގެންދާނީ ރަށު ކައުންސިލްގެ މެންބަރުންނާއި، ކުޅުދުއްފުށީގައި ދިރިއުޅޭ ސިވިލް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުން  ކަމަށެވެ. ޑައުން ޕޭމެންޓްގެ ގޮތުގައި ނަވާރަ ހާސް ރުފިޔާ މި ރޯހައުސްތަކަށް ކަނޑައަޅާފައިވާއިރު، މަހު ކުލީގެ ގޮތުގައި ތިން ހާސް ރުފިޔާ ކޮންމެ ރޯ ހައުސްއަކަށް ދައްކަންޖެހެއެވެ.


 
 


ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯ ހައުސް ތަކުގެ ތެރެއިން ދެ ރޯހައުސް މާފިލާފުށިން ބަދަލުވި ދެ އާއިލާއަކަށް ހައުސިން މިނިސްޓްރީން ވަނީ ދީފައެވެ.  ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ ރޯ ހައުސްތަކުގެ ތެރެއިން ދިހަ ރޯހައުސް އެއްކޮށް ނިމިފައިވާ ކަމަށާއި، ބާކީ ހުރި ރޯ ހައުސްތައް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގެންދާނަމަ ވަރަށް އަވަހަށް ނިންމާލެވޭނޭ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.