ސިއްހަތު

"ސިނގިރޭޓު ގަތުމަށް ރާއްޖެއިން އަހަރަކު 1.1 ބިލިއަން ރުފިޔާ"


ރާއްޖެއަކީ ސިނގިރޭޓް އުފައްދާ މާކެޓް ކުރާ ޤައުމެއް ނޫނެވެ. އެހެންނަމަވެސް ރާއްޖެއަށް އިމްޕޯޓްކުރާ ދުންފަތުގެ ބާވަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދިވެހިންނަކީ ސިނގިރޭޓަށް ބޮޑު ހޭދައެއް ކުރާ ބައެކޭ ދެންނެވިދާނެއެވެ. އެގޮތުން އަހަރަކު ހަތަރުސަތޭކަ ފަސްދޮޅަސް ދެމިލިޔަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރެއެވެ. ސިނގިރޭޓް ގަތުމަށް 1.1 ބިލިން ރުފިޔާ ދިވެހިން ޚަރަދު ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސިނގިރޭޓް އާންމުކޮށް ބޭނުން ކުރާމީހަކު މަހެއްގެ މައްޗަށް އެވްރެޖްކޮށް ދެހާސް ފަސް ސަތޭކައެއްހާ ރުފިޔާގެ ސިގެރޭޓަށް ހޭދަކުރެއެވެ. ސިގެރޭޓަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، ސިގެރޭޓުން ލިބެމުންދާ ގެއްލުންތަކަށް ބަލާލުން މުހިންމެވެ. ހަމައެހެންމެ ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު ހަތް މިލިޔަން މީހުން މަރުވާކަމަށް ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަހަކަށް އައިސް އެންމެ ގިނައިން މީހުން މަރުވާ ބަލިތަކަކީ ސްޓްރޯކާއި ހާޓް އެޓޭކް އަދި ކެންސަރު ފަދަ ބަލިތަކެވެ. މި ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ސިއްޙީ މާހިރުން ވިދާޅުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުން ލިބޭ ގެއްލުމުގެ އިތުރުން މަސައްކަތްތަކާއި އެހެނިހެންވެސް ކަންތައްތަކުގައި ޝާމިލްވެ އުޅޭ ވަގުތު ކުޑަވާކަމަށްވެސް ސިއްޙީ މާހިރުން ބުނެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ ރާއްޖޭގެ އަށްޑިހަ އެކެއް އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، މި ބަލިތައް ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންކަމަށެވެ.

ދުންފަތަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައި ސިއްޙީ މާހިރުން ދަނީ ސިފަކުރަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެފަދަ ބަލިތަކުން އަރައިގަތުމަށް ދައުލަތުންނާއި ވަކި ފަރުދުން ކުރާ ހޭދަ އިތުރުވުމަކީ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަސަރު ކުރުވާކަމެކެވެ. އަދި ދިގުމުއްދަތަކަށް މިފަދަ ބަލިތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވުމަކީ އާއިލާތަކަށްވެސް އެތައް ގޮތަކުން ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. މީގެ ސަބަބުން ދިމާވާ ޢިޖްތިމާޢީ މައްސަލަތައްވެސް މަދެއް ނޫނެވެ.

img:http://s2.psmnews.mv/images/660x400/14962326429244.jpg|

އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެންމެ ގިނައަދަދަކަށް ބޭސް ފަރުވާ ކުރާ ބަލިތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަކަން ފާހަގަކުރެވެއެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމާއި ދުންފަތާ ދެކޮޅަށް ހެދިފައިވާ ޤަވާއިދުތައް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް އެކަމުން ދުރުވުމަށް އެހީތެރިވެދުނުމުގެ ގޮތުންވެސް ސަރުކާރުން ގެންދަވަނީ އެކި ޕްރޮގްރާމްތައް ހިންގަވަމުންނެވެ. އެގޮތުން ދުންފަތާއި ގުޅޭ މައުލޫމާތު ދިނުމާއި ދުންފަތް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމަށްޓަކައި ދަމަނަވެށީގައި ވަނީ ޙާއްސަ ކުލިނިކެއްވެސް ޤާއިމު ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ އެއްތިރީސް ވަނަދުވަސް ފާހަގަކުރަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ ޝިއާރު މިވަނީ ޤައުމުގެ ތަރައްޤީއާއި ގުޅުވާފައެވެ. މި އަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދުންފަތަކީ ތަރައްޤީއަށް އޮތް ހުރަހެއް" މި ޝިޢާރެވެ. 

ގައުމުގެ ތަރައްޤީ ބިނާވެފައިވައިވަނީ އެ ޤައުމެއްގައި މަސައްކަތް ކުރަން ތިބޭ އެހެންމެހާ ފަރުދުންގެ ދުޅަހެޔޮކަމާއި އެމީހުންގެ ސިއްޙަތާއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން ގައުމުގެ އިގްތިސާދަށް އަސަރުކުރެއެވެ. އެހެންކަމުން ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުންނާއި މާލީގޮތުން އަދި އިޖްތިމާޢީގޮތުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ވަކިވަކި ފަރުދުންގެ ފެންވަރުގައިވެސް ކުރުން މުހިންމު ކަމެކެވެ.