ކުޅިވަރު

މަހްރޭޒް ބޭނުންވަނީ ލެސްޓަރ ދޫކޮށްލަން!


ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ލެސްޓަރ ސިޓީގެ މިޑްފިލްޑަރ މަހްރޭޒް ބުނެފިއެވެ.

ސައްބީސް އަހަރުގެ މަހަރޭޒް ބުނެފައިވަނީ މިއީ ކްލަބް ދޫކޮށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށާ މިވަގުތު ބޭނުންވަނީ ބަދަލެއް ކަމަށްއެވެ. އަދި ލެސްޓަރއާއެކު ވަރަށް ކާމިޔާބު ހަތަރު ސީޒަން ނިންމާލެވިއްޖެ ކަމަށާ މިވަގުތު ބަދަލެއް ބޭނުންވާކަމަށް ކްލަބްގެ ވެރިންނަށް މިހާރު އަންގާފައިވާނެކަމަށް މަހަރޭޒް ބުންޏެވެ. 

މަހަރޭޒްއަކީ މިދިޔަ ސީޒަންގައި ލެސްޓަރ ސިޓީ ޕްރިމިއަރ ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް އެޓޭކިންގ މިޑްފިލްޑަރެކެވެ.

2016 އަހަރު ޕީއެފްއޭ ޕްލޭޔަރ އޮފް ދަ އިޔާރގެ މަޤާމް ހޯދާފައިވާ މަހަރޭޒް ވަނީ މި ސީޒަންގައި ލެސްޓަރ ސިޓީއަށް ދިހަ ގޯލް ކާމިޔާބުކޮށްދީ ބާރަ ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލަށް އެ ޓީމު މިފަހަރު ގެންގޮސްދިނުމުގައި ވެސް މުހިން ދައުރެއް މަހަރޭޒް ވަނީ އަދާކޮށްފައެވެ. 

ލެސްޓަރ ދޫކޮށްލުމަށްފަހު މަހަރޭޒް ދާނީ ކޮން ކްލަބަކަށް ކަމެއް އަދި މަހަރޭޒް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ކޮން ކްލަބަކުން ކަމެއް މީޑިޔާއަށް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.