ކުޅިވަރު

އަފްޤާނިސްތާން ރާއްޖެއާ ދެކޮޅަށް އަންނަ މަހުގެ 6ވަނަ ދުވަހު


މިމަހުގެ ހަވަނަ ދުވަހު އަފްގާނިސްތާނާއި ބައްދަލުކުރާ ބައިނަލްއަގްވާމީ ރަޙުމަތްތެރިކަމުގެ މެޗަކީ ވަރަށް ތާރީޙީ މެޗެއް ކަމެއް ޤައުމީ ފުޓްބޯޅަ ޓީމުތަކާއި ބެހޭ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު ވިދާޅުވެއްޖެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން މަހުގެ ތޭރަ ވަނަ ދުވަހު ބޫޓާން އާއި ބައްދަލުކުރާ މެޗުގެ ކުރިން ކުޅޭ ރަޙުމަތްތެރި ކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ.

އަލީ ނާޝިދު ވިދާޅުވީ އަފްޢާނިސްތާނު ޓީމުން ރަޙުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް މީގެކުރިންވެސް އެދިފައިވާ ކަމަށާއި މިމެޗު ކުޅެން ނިންމީވެސް ގާތްގުޅުމެއް އޮތް ޓީމަކަށް ވުމުން ކަމަށެވެ. އަދި މިއީ އަފްގާނިސްތާން ގިނަ ދުވަސްތަކަކަށް ފަހު ކުޅޭ ފުރަތަމަ ރަޙުމަތްތެރި ކަމުގެ މެޗުކަމަށްވެސް އަލީ ނާޝިދު ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުން ކުޅުނު މެޗުގެ ކުރިންވެސް އަފްގާނިސްތާނުން އެކުވެރިކަމުގެ މެޗެއް ކުޅެން އެދުނު، އެހެންނަމަވެސް އެފަހަރު ރާއްޖޭގައި މެޗު ކުޅެންޖެހޭތީ ޓްރެވަލް ކުރަން ބޭނުންނުވުން މެޗު ނުކުޅުނީ. މިއީ އަފްގާނިސްތާނަށް ވަރަށް ތާރީޙީ މެޗެއް. އެއީ ގިނަދުވަސްތަކަކަށް ފަހު އެކުވެރިކަމުގެ މެޗެއް އަފްގާންއިން ކުޅޭ މިއީ ފުރަތަމަ ފަހަރު." އަލީ ނާޝިދު ވިދާޅުވިއެވެ.

ފަންސަވީސް ކުޅުންތެރިންގެ ސްކޮޑަކާއެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިގެން ދިޔައިރު މާޒިޔާ ސްޕޯޓްސްގެ އެއްވެސް ކުޅުންތެރިއެއް އަދި ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ. މާޒިޔާ ކުޅުންތެރިންނަށް އޭ.އެފް.ސީ ކަޕްގެ މެޗު ނިންމާލުމަށް ފަހު އެނބުރި މާލެއައިސް ޓީމާ ގުޅެވޭވަރު ވާނީ ދުބައީއަށް ފުރުމުގެ އެއްދުވަސް ވަރު ކުރިން ކަމަށް ޓީމުން ފާހަގަކުރެއެވެ.

ޤައުމީ ޓީމު ދުބާއީއަށް ފުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.

 އަދި ބުޓާން އާއި ބައްދަލުކުރާ މެޗަށް ޓީމު ބޫޓާންއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިންދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ތައިލޭންޑްގައި ބޭއްވުމަށް ފަހުއެވެ.