ކުޅިވަރު

ޑޯޓްމުންޑްގެ ކޯޗްކަމުން ޓުޝެލް ވަކިކޮށްފި


ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗްކަމުން ތޯމަސް ޓުޝެލް ވަކިކޮށްފިއެވެ.

ދެއަހަރު ޑޯޓްމުންޑަށް އިރުޝާދު ދިނުމަށްފަހު ޓުޝެލް މަޤާމުން ދުރުކުރީ ކްލަބްގެ އިސްވެރިންނާ އުފެދުނު ހިތްހަމަ ނުޖެހުމެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ޔާގެން ކްލޮޕް ޑޯޓްމުންޑް ދޫކޮށްލުމުން ޓުޝެލް މަޤާމާ ހަވާލުވީ ދެހާސް ފަނަރަވަނަ އަހަރުގައެވެ. އޭގެ ފަހުން ޑޯޓްމުންޑް އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. 

މަޤާމުން ވަކިކުރުމުން 43 އަހަރުގެ ކޯޗް ބުނީ އޭނާ ކްލަބާ ވަކިވީ އެއްވެސް މީހަކާ މައްސަލަޖެހިގެން ނޫން ކަމަށާއި، ކްލަބަށް އަބަދުވެސް ކާމިޔާބީ އެދޭ ކަމަށެވެ. 

"އެއްވެސް މީހަކާ މައްސަލަ ޖެހިގެން ވީގޮތެއް ނޫން މިއީ، ކްލަބްގެ ވެރިންނަށް މިވަގުތު އެންމެ ރަނގަޅު ނިންމުން މިއީ" ޓުޝެލް ބުންޏެވެ.

ޓުޝެލްއާ ކްލަބްގެ ޗެއާމަނާ ޚިޔާލުތަފާތުވީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށްފަހު ކަމަށް މަޢުލޫމާތުލިބެއެވެ. މޮނާކޯ އަތުން ބަލިވެ ޑޯޓްމުންޑް ޗެމްޕިއަންސް ލީގުން ކެޓުމުގެ ޒިންމާ ކޯޗް ޓުޝެލް ނަގަން ޖެހޭނެ ކަމަށް ގިނަ ފަރާތްތަކަކުން ޤަބޫލް ކުރެއެވެ. 

ތޯމަސް ޓުޝެލްގެ އިރުޝާދުގެ ދަށުން ޑޯޓްމުންޑް ވަނީ މިއަހަރު ޖަރމަން ކަޕް ހޯދާފައެވެ. ލީގުގެ ތިންވަނައިގައި ޑޯޓްމުންޑް ސީޒަން ނިންމިއިރު އެޓީމް ވަނީ ޗެމްޕިއަންސް ލީގުންވެސް ޖާގަ ހޯދާފައެވެ.