ޚަބަރު

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ފަހެއްނުޖެހޭނެ - ރައީސް





 


މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


 
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އަހުމަދު މަހްލޫފުގެ ކެމްޕެއިން އެއްވުމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެއްވެސް ވެރިއަކު ކުރާހިތުން ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު ޖިނާއީ ބޮޑެތި ޖަރީމާތައް ހިންގުމާއި، މީހުންގެ ފުރާނަ ދުއްވާލުމަކީ އެކަންކުރާ މީހުން އެއްވެސް ޖެހިލުމެއް ނެތި ކުރާ ކަމަކަށް ވެފައިވާ ކަމަށާއި، އެފަދަ އެތައް ފުރާނަތަކެއް ސަލާމަތް ކުރުމަށް ރައްޔިތުންގެ ހައްގުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހިފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.


 
ބޭރުގެ އެކި ފަރާތްތަކުގެ ދެކޮޅުހެދުންތަކާ އެކުވެސް މަރުގެ ހުކުމް ތަންފީޒް ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީގައި އަނެއްކާ ވެސް ތާރީޚީ ދުވަހެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒް ކުރުމާ ހަމައަށް ދާނީ ޝަރުއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައި ކަން، އިއްޔެ ވަޒީރުންގެ މަޖިލީހުން އެކުލަވާލައްވާ ފާސް ކުރެއްވި، މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ޤަވާއިދުގައި ވާނެ ކަމަށެވެ.


 
 


ސުޕްރީމް ކޯޓުގެ ހުކުމުން އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރުން ވަކި ކުރުމާއި ގުޅިގެން ބޭރުގެ ބައެއް ގައުމުތަކާ ޖަމާޢަތްތަކުން ކިޔަމުންގެންދާ ފާޑު ކިޔުންތަކާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ދިވެހިންގެ އަތްމަތީގައި ކަމަށާއި ބޭރުގެ ޤައުމުތަކަށް ދިވެހިންގެ ނިންމުންތަކާ މެދު ބަސް ބުނެވިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ނުވަތަ ރާއްޖޭގައި އިންތިޚާބެއް ނުބޭއްވިގެން ކަންބޮޑުވާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށާއި، ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ފަރާތްތަކުން ބެހެންފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ރައީސް ޔާމިން ރޭ ވަނީ ވިދާޅުވެފައެވެ.