ތަޢުލީމު

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިތާ 61 އަހަރު


ސްކައުޓުންނަކީ ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް މިއަދު ހިމެނޭ ހިއްސާއެކެވެ. ޕްރައިމަރީ މަދަރުސާތަކުން ފެށިގެން ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ސްކޫލްތަކުގައިވެސް ސްކައުޓް ހަރަކާތް ބޮޑު ދައުރެއް އަދާކުރެއެވެ. ރާއްޖޭގައި މި ހަރަކާތް އެންމެ ފުރަތަމަ ފަށާފައިވަނީ މަޖީދިއްޔާ ސްކޫލުގައެވެ. 30 މެއި 1956 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި ފެށި މިހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ފަސް ހާހަށްވުރެ ގިނަ ދަރިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

ސްކައުޓް ހަރަކާތް ފުރަތަމަ ފަށާފައިވަނީ ނުރަސްމީ ސިފައެއްގައެވެ. އޭރު މިހަރަކާތް ހިންގަވާ ކުރިއަށްގެންދެވީ އޭރު މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވި ސްރިލަންކާ ޓީޗަރުންނެވެ. ސްރިލަންކާގެ ސްކައުޓް އެސޯސިއޭޝަންގެ ތަޖުރިބާ ބޭނުންކޮށްގެން ފެށި މިހަރަކާތް 2009 ވަނަ އަހަރާއި ހަމައަށް ކުރިޔަށް ގެންގޮސްފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ހާއްސަކޮށްގެނެވެ.

img:http://s4.psmnews.mv/images/660x400/14961469194318.jpg|އިސްލާމްއާބާދުގައި ބޭއްވި ޖޮމްބޮރީއެއްގައި ބައިވެރިވި ދިވެހި ސްކައުޓް ކޮންޓިންޖެންޓް / ފޮޓޯ: އަހުމަދު އިމާދު

ނަވާރަސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށާވީހާ ޖެހެންދެން ސްކައުޓް ހަރަކާތް ހިންގަމުން ގެންގޮސްފައިވަނީ ހަމައެކަނި މަޖީދިއްޔާ ސްކޫލްގައެވެ. އެއަށްފަހު މޯލްޑިވްސް ބޯއީ ސްކައުޓް އުފެދިގެން އައިސް މާލޭގެ އެކި ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ފެށިގެން ދިޔައެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކައުޓް ހަރަކާތް ފެށި ރަށްތަކުގެ ތެރޭގައި ތ. ގުރައިދޫ، ޅ. ނައިފަރު، ހއ. ހޯރަފުށި ފާހަގަކުރެވެއެވެ. މީގެއިތުރުން ލަސްތަކެއް ނުވެ ހއ. ދިއްދޫއާއި ގދ. ތިނަދޫގައިވެސް މިހަރަކާތް ފެށިގެންދިޔައެވެ. ސްކައުޓް އެސޯސިއޭޝަންގެ ބޯޑު މެމްބަރ އިސްމާއިލް އަލީ ވިދާޅުވި ސްކައުޓް ހަރަކާތްތައް ވަރަށް ކުޑަކޮށް ރާއްޖޭގައި ފެށި ނަމަވެސް މިހާރު މި ފެންނަ ގޮތަށް މަދަރުސާތަކުގައި ސްކައުޓް ހަރަކާތް ފުޅާވެގެން ދިޔައީ ދެހާހުގެ އަހަރުތަކުގެ ތެރޭގައިކަމަށެވެ.

img:http://s2.psmnews.mv/images/660x400/14961485810457.jpg|1992 ވަނަ އަހަރު ބޭއްވި ސްކައުޓް ލީޑަރުންގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ އަހުމަދު އިމާދު

ސްކޫލްތަކުގެ އިތުރު ހަރަކާތުގެ ތެރޭގައި އެންމެ މަޤުބޫލް އެއް ހަރަކާތުގެ ގޮތުގައި ސްކައުޓްވެފައިވާއިރު މިހަރަކާތް މިހާރު ރާއްޖޭގެ 109 ސްކޫލެއްގައި ކުރިޔަށް ގެންދެއެވެ.

މި ހަރަކާތުން ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްވެގެންދެއެވެ. އެގޮތުން ދަތި ޙާލަތްތަކުގައި އުޅޭނެ ގޮތްތަކުގެ އިތުރުން ދީނީ ރަނގަޅު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގައިވެސް ސްކައުޓް ހަރަކާތް ބޮޑު ރޯލެއް އަދާކުރެއެވެ.

ނަވަރަސަތޭކަ އަށްވަނަ އަހަރު ސްކައުޓް ހަރަކާތުގެ ބާނީ ރޮބަރޓް ބޭޑިން ޕަވެލް ނެރުއްވެވި ފޮތް ރޮބާރޓް ބޭޑިންޕަވަލްސް ސްކައުޓިން ވިތް ބޯއީސް އާއި އެކު ލަންޑަންގައި ފެށިގެން ދިޔަ މިހަރަކާތުގައި، މިހާރު ރާއްޖޭގައި ދެހާހާއި ގާތްކުރާ އަދަދަކަށް ގާލް ސްކައުޓުން ޝާމިލްވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ސްކައުޓުންގެ ހިތުގައި މިހަރަކާތައް ދެވިފައިވާ ލޯބީގެ ބޮޑުކަމެވެ. އެ ދަރިވަރުންގެ ކާމިޔާބީތަކާއި ސްކައުޓް ހަރަކާތްތަކާއި ގުޅިފައިވާ މިންވަރު ބޮޑުކަމެވެ.

img:http://s3.psmnews.mv/images/660x400/5649.jpg|ސްކައުޓް ކުދިން ސްކައުޓް ހަރަކާތެއްގައި. ފޮޓޯ-ޕީއެސްއެމް ނިއުސް

މިހާރު ރާއްޖޭގައި ސްކައުޓް ހަރަކާތް ކަބްސްކައުޓް އަދި ރޯވަރ ސްކައުޓް ފަދަ ފަންތިތަކަށް ބެހިފައިވާ އިރު، މިހަރަކާތުގައި އެކި ކަންކަން ފުރިހަމަކޮށްގެން ތަފާތު ބެޖުތައް ހާސިލްކުރަން ފުރުސަތު ހުޅުވިފައިވުމުން މިހަރަކާތައް ކުދިން އިތުރަށް ގަޔާވެއެވެ. 

ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެވެފައިވަނީ ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުއެވެ. އެ ނިންމުމާއި އެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައިވެސް ބައިވެރިވެފައެވެ.