ދީން

ދީނީ ހޭލުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް


ސަރުކާރުން ހިންގަވާ ދީނީ ހޭލުންތެރިކަން އިތުކުރުވުމުގެ ޕްރޮގްރާމްތަކުގެ އަމާޒަކީ ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަން ދުވަހަކަށްވުރެ ދުވަހެއް، އިތުރުކުރުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވެވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވެވި ފުރަތަމަ ޖަލްސާގައި، ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމާއި، ދީނީ އެއްބައިވަންތަކަން އިތުރުކުރެއްވުމަކީ ސަރުކާރުން ޚާއްޞާ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން، ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެކި ނަންނަމުގައި ސަރުކާރުން ކުރިއަށްގެންދަވާ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާ ކުރައްވާފައިވާކަމަށާއި، އަދި އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް މިއަހަރު ހިންގަވާނެކަމަށެވެ.

އިސްލާމިކް މިނިސްޓަރގެ ވާހަކަފުޅުގައި، ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސްކުރެއްވިއެވެ.

މާތް ﷲގެ އެންގެވުންތަކަށް އިޖާބަދޭންވީ ހަމައެކަނި ރަމަޟާންމަހުގައި ނޫންކަން އެނގެނީ ކިތައް މީހުނަންތޯ މިނިސްޓަރ ސުވާލުކުރެއްވިއެވެ. އަދި ރަމަޟާންމަސް ބައްދަލުނުވެ މިދުނިޔެ ދޫކޮށްދިޔައީ ކިތައް މީހުން ކަމާމެދު ވިސްނައި، ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރީތީ މާތްﷲ އަށް ޙަމްދުކޮށް، މިކަމުން އިބްރަތް ޙާސިލްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

އަޅުކަންތައްތަކުގެ ތެރެއިން ރޯދަ ތަފާތުކުރައްވާފައިވަނީ، ރޯދައަކީ އަޅާއާއި މާތްﷲ އާމެދުގައިވާ އަޅުކަމަކަށް ވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރޯދައަށް ހުރުމަކީ ހަމައެކަނި ކެއިން ބުއިމުން އެއްކިބާވެހުރުން ނޫންކަމަށާއި، ރަމަޟާންމަހު، މުސްލިމުންގެ އުޅުމާއި ގުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނޫންނަމަ ރޯދައިގެ ސަބަބުން މުޖުތަމައަށް ކުރަންޖެހޭ އެންމެ އެދެވޭ އަސަރު ނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަމަޟާންމަހުގެ އަޅުކަން ޤަބޫލުވިކަން ތިމާއަށް އިޙްސާސްވެގެންދާނީ، ރަމަޟާންމަސް ނިމުމަށްފަހު ތިމާގެ ސުލޫކަށާއި، އުޅުމަށް ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމުގައިވާނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.