ކުޅިވަރު

25 އަހަރަށްފަހު ޓޮޓީ ރޯމާއަށް ކުޅުން ހުއްޓާލައިފި


ރޯމާގެ ލެޖެންޑް ފްރެންސެސްކޯ ޓޮޓީ އެކްލަބާ އަލްވަދާޢު ކިޔައިފިއެވެ. 40 އަހަރުގެ ޓޮޓީ އިޓަލީގެ ރޯމާއާ އަލްވަދާޢުކީ 25 އަހަރު އެކްލަބަށް ކުޅުމަށްފަހުއެވެ. 

އިޓާލިއަން ސެރީއޭގައި ރޭ ޖެނޯއާ އާއި ދެކޮޅަށް ރޯމާ ކުޅުނު މެޗަކީ ޓޮޓީ އެކްލަބްގެ ޖާޒީގައި ފެނިގެންދިޔަ ފަހު މެޗެވެ. ދެވަނަ ހާފްގައި ޓޮޓީ ކުޅެން ނުކުތްއިރު މެޗުން މޮޅުވެ ރޯމާ ވަނީ ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއް ކަށަވަރުކޮށްފައެވެ. އުމުރުން 16 އަހަރުގައި 1993ވަނަ އަހަރު ރޯމާގެ ޖާޒީގައި ކުޅެން ފެށި ޓޮޓީ ރޭގެ މެޗަށްފަހު ވަނީ ރޯމާގެ ސަޕޯޓަރުންނަށް އަސަރުގަދަ މެސެޖުތަކެއް ދީފައެވެ. 

މެޗަށްފަހު ސަޕޯޓަރުންނާ މުޚާތަބުކޮށް ޓޮޓީ ބުނީ މިއީ އޭނާ ދުވަހަކުވެސް ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށާއި، ނަމަވެސް މިއީ އެވަގުތުކަން ޤަބޫލް ކުރަން ޖެހޭ ކަމަށެވެ. މިދުވަސްމަތިން ހަނދާންވުމުން ފާއިތުވީ ދުވަސްތަކުގައި ރުއި ކަމަށާއި، 25 އަހަރު އެއް ކްލަބެއްގައި ހުރެ ޖާޒީ ދޫކޮށްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޓޮޓީ ބުންޏެވެ.

" އަހަރެން ބޭނުމެއް ނޫން މި ހުފަވެން ދޫކޮށްލާކަށް. ވިސްނާލާ، ނިދާފަ އޮތް ކުޑަ ކުއްޖަކު ހުވަފެނެއްގައި އޮއްވާ އޭނާގެ މަންމަ އޭނާއަށް ސްކޫލަށްދާން ގޮވީމަ، ތެދުވާކަށް ބޭނުމެއް ނުވާނެ. ބޭނުންވާނީ އެ ހުވަފެން އިތުރަށް ބަލަން" އެތަށް ހާސް ސަޕޯޓަރުންނާ މުޚާތަބުކޮށް ޓޮޓީ ބުންޏެވެ.

ރޯމާގެ ޖާޒީގައި އެކަނި 25 އަހަރު ހޭދަކުރި ޓޮޓީ ވަނީ މިދިޔަ އަހަރުތަކުގައި ރޯމާއަށް 786 މެޗު ކުޅެދީ 307 ގޯލު ކާމިޔާބުކޮށްދީފައެވެ. ރޯމާގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ ސެރީއޭ، ކޮޕާ އިޓާލިއާ އަދި އިޓާލިއަން ސުޕަރ ކަޕް ޓޮޓީ ވަނީ ހޯދާފަ. އިޓަލީގެ ޤައުމީ ޓީމަށްވެސް މުހިންމެ މެޗުތަކެއް ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓޮޓީއަކީ ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ކްލަބަށް އެންމެ ވަފާތެރި ކުޅުންތެރިޔާއެވެ. ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް ރޯމާ ދޫކޮށް ނުގޮސް ކްލަބް ލޯބީގައި މުޅި ކެރިއާ ހޭދަކޮށްލި ކުޅުންތެރިއެއް. ޓޮޓީ ވަނީ ރޯމާ ނޫން އިޓަލީގެ އެހެން ކްލަބެއްގެ ޖާޒީ ނުލާން ވަޢުދުވެފައެވެ. 

މަޢުލޫމާތު ލިބޭ ގޮތުގައި ފްރެންސެސްކޯ ޓޮޓީ ދެން ހަވާލުވާނީ އޭއެސް ރޯމާގެ ޑިރެކްޓަރގެ މަޤާމަށެވެ.