ޚަބަރު

މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަވަން ފަށްޓަވައިފި


މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަވަން ފަށްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއް ޖެހުމާ ހަމަޔަށް ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނިޓެވެ.

ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަތަރު ގޮތަކަށް ހަމަޖައްސަވާފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާރޑާއި، އުރޫދީ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އަދި އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އޮފީސް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަށްވެސް ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 55 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 80 ރުފިޔާއެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށަކުން ހަނޑޫ ގަންނަން ލިބޭ އަގަކުންނެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީހުންނާއި، ވިލިމާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އޮފީހުން ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރަށްރަށުގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.