ކުޅިވަރު

އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިންނާއި، ކުރީގެ ދެ ކޯޗުން - ސޮބާ


އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިންނާއި، ކުރީގެ ދެ ކޯޗުންކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ބުނެފިއެވެ. 

ގްރީން ސްޓްރީޓް ގޮވައިގެން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުންދާ ފުރަތަމަ އަހަރު ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ކުރީގެ ޤައުމީ ޓީމްގެ ޑިފެންޑަރ ބުނީ ކާމިޔާބީގެ އަޞްލަކީ ކޮންމެ މެޗެއްގައިވެސް ކުޅުންތެރިން ކުރާ ބުރަ މަސައްކަތްކަމަށެވެ. އޭނާ ބުނީ އޭނާގެ ކުޅުންތެރިން ކޮންމެ މެޗަކަށްވެސް ނިކުންނަނީ ހިތްވަރާއެކު މެޗު ކާމިޔާބުކުރަންކަމަށެވެ. 

ނިއުރޭޑިއެންޓް އަތުން ލިބުނު ތިން ޕޮއިންޓަކީ ގަދަ ހަތަރެއްގައި ހިފަހައްޓާލަން ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ޞޮބާ ވަނީ ފާހަގަކޮށްފައެވެ. ނިއުރޭޑިއެންޓް އަތުން ވީ މޮޅާއެކު ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ހުޅުވިއްޖެ ކަމަށާއި، ކުރިއަށްހުރި މެޗުތަކުގެ ތެރެއިން ވިކްޓްރީއާ އީގަލްސް މެޗުން ޕޮއިންޓެއް ގެއްލުވާ ނުލައިފިނަމަ ގަދަ ހަތަރެއް ޔަޤީން ކުރެވޭނެ ކަމަށް ސޮބާހުމުހައްމަދު ބުންޏެވެ. ސޮބާގެ ކޯޗު ކަމުގެ ދަށުން ގްރީން ސްޓްރީޓް އަންނަނީ މާލޭ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން އެޓީމް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. ދެވަނަ ޑިވިޝަނުން ފެށިގެން ސޮބާ އެޓީމަށް އިރުޝާދު ދޭން ފެށިފަހުންވެސް އެޓީމް ބަލިވެފައިވަނީވެސް ދެ މެޗުން ކަން ފާހަގަކޮށްލެވެއެވެ.

ކޯޗިންގައި އަދިވެސް ކުރިއަށްދާން ވިސްނާ ކަމަށާއި، މިހާ ހިސާބަށް އައި އިރުވެސް ސޮބާގެ ކުރިގެ ދެ ކޯޗުން ކަމަށްވާ މައުރޫފް އަހުމަދު މާއްޓޭއާ ސުޒޭން ކޮންމެ ދުވަހަކު ދޭ ހިތްވަރު ފާހަގަކުރާ ކަމަށް ސޮބާ ބުންޏެވެ. އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓް މިވަގުތު އޮތީ 17 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ.