ޚަބަރު

ބައެއް މަގުތަކުން ދަތުރުކުރެވޭ ގޮތަށް ބަދަލުގެންނަވައިފި


މާލޭގެ ބައެއް މަގުތަކުން ދަތުރުކުރެވޭ ގޮތްތަކަށް މިއަދުން ފެށިގެން ބަދަލު ގެންނަވައިފިއެވެ. 

މާލޭގެ ބައެއް މަގުތަކުން ދަތުރުކުރެވޭ ގޮތްތަކަށް ބަދަލުތަކެއް ގެންނަވަން ޓްރާންސްޕޯރޓް އޮތޯރިޓީން ނިންމެވުމާ ގުޅިގެން އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ، އަލިކިލެގެފާނު އުތުރުން ދެކުނަށް ދުއްވާ ގޮތަށް ހަމަޖެއްސެވުމާއި، ހުސްނުހީނާމަގު ދެކުނުން އުތުރަށް ދުއްވާ ގޮތަށް ހަމަޖެއްސެވުމާއި، ހިތަށް ފިނިވާމަގު ލިލީމަގާ ދެމެދު އަލިކިލެގެފާނު މަގު ދެކޮޅަށް ދުއްވާ ގޮތަށް ހަމަޖެއްސެވުމުގެ އިތުރުން ފާށަނާކިލެގެފާނު މަގަކީ ދެކުނުން އުތުރަށް ދުއްވާ މަގަކަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި މަގުތަކަށް އަލަށް ގެނެވުނު ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރައްވައި މަގުދައްކައިދެއްވުމުގެ ގޮތުން، ބޯޑުތައް ހަރުކުރައްވައި އެސަރަޙައްދުތަކުގައި ޓްރެފިކް ފުލުހުންވެސް ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން ވަނީ މިސަރަޙައްދުތަކުގައި ޓްރެފިކް ފުލުހުން ޙަރަކާތްތެރިވާއިރު ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އުޅަނދުތައް ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

މާލޭގެ މަގުތަކުން ދަތުރުކުރެވޭ ގޮތްތަކަށް ގެންނަ މިފަދަ ބަދަލުތައް ނިންމަވަނީ ޓްރެފިކް އެޑްވައިޒަރީ ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ.

މިބަދަލުތަކުގެ އިތުރުންވެސް ރަމަޟާންމަހާ ދިމާކޮށް ޢާންމުކޮށް މާލޭގެ ޓްރެފިކް ބާރުބާރުބޮޑުވާ ހިސާބުތަކުގެ ޓްރެފިކަށް ފަސޭހަކުރުމުގެ ގޮތުންވެސް ބައެއް ކަހަލަ ވަގުތީ ބަދަލުތަކެއް މިރަމަޟާން މަހު ގެންނަވަން ނިންމަވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި މާލޭގައި ޚާއްޞަ ގޮތެއްގައި ޓްރެފިކް ބެލެހެއްޓެވުމަށް ގިނަ ޢަދަދެއްގެ ފުލުހުން ޙަރަކާތްތެރިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.