ސިޔާސީ

މި މަހުގެ 22 ގައި އިންތިޚާބު ބޭއްވޭނެ- އީސީ





 


މިމަހުގެ 22 ވަނަ ދުވަހުބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިންވެސް ރޭވިފައިވާ ޝެޑިއުލްތަކާއި އެއްގޮތަށް އެތާރީޚުގައި ބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.


 
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ، ސްޕްރީމް ކޯޓުގެ ހުކުމުގެ ކުރިންވެސް އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރިތަކާއި މުހިންމު ނިންމުންތައް ނިންމާފައިވާކަމަށާއި އެކޮމިޝަނުގެ މެންބަރުންގެ އަދަދަށް ބަދަލެއް އައިނަމަވެސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މެމްބަރަކު އައްޔަންކުރައްވާފައިވާތީ ކޮމިޝަނުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް މިހާރުއެއްވެސް ހުރަހެއްނެތްކަމަށެވެ.


 
އާސިމް އިތުރަށް ވިދާޅުވީ މިހާރުއެންމެ އިސްކަމެއްދީގެން އެކޮމިޝަނުން ކުރައްވަމުން ގެންދަވަނީ ވޯޓުލާމީހުންގެ ލިސްޓްތަށް ފައިނަލް ކުރުންކަމަށާއި މިހާރު އެމަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށެވެ. އަދި އެލިސްޓް ތަކުގައި ސޮއިކުރުން ރޭވިފައިވާ ގޮތުގެ މަތީން މާދަމާ ހެނދުނު ދަރުބާރުގޭގައި ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.


 
މިފަހަރުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ހަތަރުސަތޭކަ ހަތްދިހަ ތިން ވޯޓު ފޮށިބަހައްޓަން ހަމަޖެހިފައިވާއިރު، އިއްޔެއިންފެށިގެން އަތޮޅުތަކުގެ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފައްދާފައިވާކަމަށާއި، މިހާރުވެސް އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައި ވޯޓުލާމަރުކަޒުތަކުގައި ތިބޭފަރާތްތަކަށް ޓްރެއިނިންގ ދޭންފަށާފައިވާކަމަށެވެ.


 
 


އާސިމްގެ ވާހަކަފުޅުގައި ހުރިހާފަރާތްތަކުންވެސް ވޯޓުލާން ވަޑައިގަންނަވާއިރު ގެންދަންޖެހޭ ސައްޙަ ލިޔުންކަމުގައިވާ މުއްދަތު ހަމަނުވާދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑު ނުވަތަ ޕާސްޕޯޓްނުވަތަ ޑްރައިވިންލައިސަންސް އަސް ސަމާލުކަންދިނުމަށް އެދިވަދައިގެންފައިވެއެވެ.