ޚަބަރު

ބާޒާރުގެ އަގުތައް : އެންމެ އަގުބޮޑީ މިރުސް !


ރަމަޟާން މަހަކީ އެހެނިހެން މަސްމަހާ ޚިލާފަށް، ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް އޮންނަ ޑިމާންޑު އިތުރުވާ މަހެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު މާލޭގެ ލޯކަލް މާރުކެޓު ސަރަޙައްދު ފެންނަނީ ވަރަށް ބާރު ބޮޑުކޮށެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަންހުރި ތަކެތީގެ އަގުތަކަށް ބަލާލާއިރު، ރަމަޟާން މަސް ފެށުނުއިރު އަގު އެންމެ ބޮޑަށް އުފުލިފައިވާ ބާވަތަކީ ގިތެޔޮ މިރުހެވެ. 100 ގްރާމްގެ ގިތެޔޮ މިރުސް ލިބެންހުރީ 40 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

img:http://s4.psmnews.mv/images/660x400/14958762617159.jpg|

އަދި މިރުސް ކިލޯއެއް މާރުކޭޓުގައި ލިބެންހުރީ 600 ރުފިޔާއަށެވެ. ލުނބޯ ކިލޯއެއް ހުރީ 80 ރުފިޔާއާއި 90 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ފަނި ގިރުމަށް ޢާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު، ކުރުނބައެއް އުޅެނީ 15 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ކަރާ ކިލޯއެއް 15 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގައި އަގެއްގައި ލިބެންހުރިއިރު، އަނބު ކިލޯއެއް އުޅެނީ 70 ރުފިޔާއާއި 80 ރުފިޔާއާއި ދެމެދުގެ އަގެއްގައި.

img:http://s2.psmnews.mv/images/660x400/14958766444602.jpg|

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާލާއިރު، ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ކުއްޅަފިލާފަތް ލިބެންހުރީ 15 ރުފިޔާއަށް އެއް ބޮޑި، އަދި 2 ބޮޑި 25 ރުފިޔާގެ ރޭޓުގައެވެ. ކޮޕީފަތް ބޮޑިއެއް ލިބެންހުރީ 10ރުފިޔާއާއި 15ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓުގެ އަގުތަކުގެ އިތުރުން މާލޭ މަސްމާރުކޭޓުގެ މަހުގެ އަގުތަކަށް ބަލާލާއިރު، ރާގޮނޑިއެއް ލިބެންހުރީ 40 ރުފިޔާއަށް ކިލޯއެކެވެ. ލައްޓި ކިލޯއެއް 50 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދު ހުރިއިރު، ރަތްމަސް ކިލޯއެއް ބާޒާރުގައި ލިބެންހުރީ 150 ރުފިޔާއަށެވެ.