ޚަބަރު

މަރުގެ ހުކުމް ތަންފީޒް ކުރުމުގެ ޤަވާއިދަށް އަމަލުކުރުމަށް ލަފާއަރުވައިފި





ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙުޤީޤު ކުރުމުގަޔާއި، އެ ކުށުގެ އަދަބު ތަންފީޛު ‏‏ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ‏‏ކުރައްވައި، ބައެއް އިޞްލާޙުތަކާއެކު އެ ގަވާއިދަށް ޢަމަލު ކުރައްވަން ފެށްޓެވުމަށް އެ މަޖިލީހުން ‏‏ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފިއެވެ. ‏



 


މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ‏‏ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ‏‏ކަނޑައަޅާ ޙާލަތްތަކުގައި، މަރުގެ ޙުކުމް ތަންފީޛުކުރުމުގައި (ޤިޞާޞް ހިފުމުގައި) ޢަމަލުކުރާނެ ‏‏ސިޔާސަތުތަކާއި އުޞޫލުތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެކަމުގައި ‏‏ޢަމަލުކުރާނެ އިޖްރާޢަތުތައް ތަފްޞީލުކޮށް ބަޔާންކޮށްދޭ ގަވާއިދެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ‏‏ޤާނޫނުއަސާސީއާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ސަރުކާރުގެ ފަރާތުން ވީއެންމެ ‏‏އަވަހަކަށް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށްވަނީ މަޝްވަރާ އަރުވާފައެވެ. ‏