އަމީނިއްޔާ ސްކޫލްގައި އަލަށް ޢިމާރާތްކުރައްވާ އަށް ބުރީގެ ޢިމާރާތުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހު ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސި އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ އަމީނިއްޔާ ސްކޫލް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ކަމަށެވެ. އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ގިނަދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. މި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ 2015 ވަނަ އަހަރު 8 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވާފައެވެ. ސްކޫލް ޢިމާރާތް ކުރެއްވުމުގައި ދިމާވި ބައެއްކަހަލަ މައްސަލަތަކާ ހުރެ ކަނޑައެޅިފައިވާ މުއްދަތަށް ނިންމާނުލެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގެޒެކެޓިވް އިބްރާހީމް އިސްމާޢިލް ޢަލީ ވިދާޅުވިއެވެ. މިހާރު ސްކޫލް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. އަމީނިއްޔާ ސްކޫލްގެ އަލަށް ޢިމާރާތްކޮށްފައިވާ 8 ބުރީގެ އިމާރާތުގައި މިހާރު ކުރަމުންގެންދަނީ ފިނިޝިންގެ މަސައްކަތެވެ.
"މިހާރު ކުރަމުންގެންދަނީ ފާރުގައި ޕްލަސްޓަރ ކުރުމުގެ މަސައްކަތް،" އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. ޓައިލްސް ޖެހުމުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފަށާގޮތަށް އޮތީ. ކަރަންޓްގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. އަދި ނެޓްވޯކިންގވެސް 70 ޕަސެންޓް ނިމިފައި. ފަޔަރ ސިސްޓަމްގެވެސް 80 ޕަސެންޓް ވަނީ ނިމިފައި. ނިމުމުގެ ސްޓޭޖްގެ ތެރޭގައި." އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގެޒެކެޓިވް އިބްރާހީމް އިސްމާޢިލް ޢަލީ ވިދާޅުވިއެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ކިޔަވާ ކުދިން ގިނަ ސްކޫލްތަކުގެ ތެރެއިން ހިމެނޭ ސްކޫލެއްކަން ފާހަގަކުރައްވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ އަލަށް ޢިމާރާތްކުރެއްވި ބިލްޑިންގ ބޭނުންކުރަން ފެށުމުން ސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށެވެ.
"ވަރަށް ޓައިޓްކޮށް ގެންދަނީ. އެ ސްކޫލްގައިވާ ބައެއް ޢިމާރާތަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ޢިމާރާތެއް. މި ޢިމާރާތް ނިމުމާއެކު އަމީނިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ މުޅިން ހައްލުވެގެންދާނެ. މިހާރު ބޭނުންކުރަމުން ގެންދާ ބައެއް ޢިމާރާތްތައް ދޫކޮށްލިކަމުގައި ވީނަމަވެސް މިހާރު ހަދާ ޢިމާރާތުން ލިބިގެންދާނެ. އަދި އިތުރު ޙަރަކާތްތައް ހިންގޭނެފަދަ ޖާގަ ލިބިގެންދާނެ،" އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގެޒެކެޓިވް އިބްރާހީމް އިސްމާޢިލް ޢަލީ ވިދާޅުވިއެވެ.
މި ސްކޫލްގައި ސެޝަނެއްގައި ދެހާހެއްހާ ކުދިންނަށް ކިޔެވުމުގެ ޖާގައި ލިބިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.