ތަރައްްޤީ

މެމްބަރުން އެންމެ ގިނަ ޕާޓީއަކަށް ޕީޕީއެމް


ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރައްވާ މިފަހަރުވެސް އެންމެ ގިނައިން ލިބޭ ޕާޓީއަކަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް ވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 23 މިލިއަން ހަތްހާސް ތިންސަތޭކަ ފަންސާސް ތިން ރުފިޔާއެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓްގެ 0.1 އިންސައްތައާއި، 0.2 އިންސައްތައާ ދެމެދުގެ ޢަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދެއްވަންޖެހެއެވެ. ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި މިފައިސާ ބައްސަވާނީ، އެޕާޓީއެއްގެ ދަފްތަރުގައި މެންބަރުން ރަޖިސްޓްރީވެފައިވާ ނިސްބަތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވާފައިވާ ލިޔުމެއްގައިވާ ގޮތުން މިއަހަރު އެންމެ ގިނަ ފައިސާ ދޫކުރައްވާފައިވަނީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވާފައިވާ ލިޔުމުގައިވާ ގޮތުން ޕީޕީއެމްގެ ދަފްތަރުގައި 39 ހާސް ފަސްސަތޭކަ ދެ މެމްބަރުން ތިއްބެވިއިރު، އެޕާޓީއަށް ދޫކުރައްވާފައިވަނީ ދިހަ މިލިއަން އައްޑިހަ ފަސްހާސް ރުފިޔާއެވެ. ދެވަނައަށް އެންމެ މެމްބަރުންގިނަ ޕާޓީ، އެމް.ޑީ.ޕީގައި ނަވާވީސް ހާސް ތިންސަތޭކަ ފަންސާސް މެމްބަރުން ތިބިއިރު، އެޕާޓީއަށް ދޫކުރައްވާފައިވަނީ 7 މިލިއަން ހަތަރުސަތޭކަ ނުވަދިހަ ތިންހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާއެވެ. ޖުމްހޫރީ ޕާޓީ އަދި އެމް.ޑީ.އޭގައި 10 ހާސް ހަސަތޭކަ މެމްބަރުން ތިބިއިރު އެއިން ކޮންމެ ޕާޓީއަކަށް ދޫކުރައްވާފައިވަނީ 2.7 މިލިއަން ރުފިޔާއެވެ.

ޤާނޫނުގައިވާ ގޮތުން މެމްބަރުންގެ ޢަދަދު 10 ހާހަށް ނާރާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދޫކުރާކަށް ނުޖެހެއެވެ. އެހެންކަމުން މިއަހަރު ޑީ.އާރު.ޕީއާއި ޢަދާލަތު ޕާޓީއަށް ފައިސާ ދޫކުރައްވާފައެއް ނުވެއެވެ.