ޚަބަރު

ކަދުރު ބަހަން ފަށައިފި


މިއަހަރުގެ ރަމަޟާންމަހު ރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ރެޑްކްރެސެންޓުން ދިން ކަދުރު މިއަދު ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ލިބިފައިވާ ކަދުރުތައް ހުސްވަންދެން މިއަދުން ފެށިގެން ކަދުރު ބަހަމުން ގެންދާނެކަމަށެވެ. އިސްލާމިކް މިނިސްޓަރގެ ނައިބު ޢަލީ ވަޙީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ބެހުން ކަމަށެވެ.

ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންދިޔުމުން އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހުކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ، ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެ ގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، އެޗްޑީސީންނެވެ. އެ މިނިސްޓްރީން ވިދާޅުވީ، ރަށްރަށަށް ނުވަތަ އަތޮޅުތަކުން ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލުތަކުންނެވެ.