ޚަބަރު

ކަޓަމަރާނެއްގައި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ


ކަޓަމަރާނެއްގައި ކަނޑުމައްޗަށް ނިކުމެ އުޅުނު ބިދޭސީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އަތުރުގާ ރިސޯޓްގެ ވޯޓަރސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. ސްރީލަންކާއަށް ނިސްބަތްވާ މި މިހާ 15 ވަރަކަށް ފޫޓުގެ ކަޓަމަރާނެއްގައި ކަނޑުމައްޗަށް ނިކުމެފައިވަނީ މިއަދު މެންދުރު 12:13 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސަރަޙައްދުގެ މޫސުން ގޯސް ކަމަށާއި އެހެންނަމަވެސް ރިސޯޓުގެ ފަރާތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަތުރުގާ ރިސޯޓުން ބުނެއެވެ.

މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި މައުލޫމާތު ލިބުމާއެކު އދ. މަހިބަދޫގައި އޮތް ސީއެމްބިއުލަންސް އެސަރަޙައްދަށް ފޮނުވައިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް އުޅަނދު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.