ކުޅިވަރު

ޔޫރޮޕާ ލީގު ކާމިޔާބުކޮށް ޔުނައިޓެޑް ޗެމްޕިއަންސްލީގަށް


ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، އަންނަ އަހަރުގެ ޗެމްޕިއަންސްލީގުގެ ޖާގައެއް މެންޗެސްޓަރ ޔުނައިޓެޑް ކަށަވަރުކޮށްފިއެވެ. 

މެންޗެސްޓަރ ޔުނައިޓެޑް ޔޫރޮޕާ ލީގު ކާމިޔާބުކުރީ އަޔެކްސްއާއި ވާދަކޮށް ދޭއް ސުމަކުން ކުރި ހޯދައިގެންނެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖެހީ އަށާރަ ވަނަ މިނިޓްގައި ޕޮގްބާއެވެ. ދެވަނަ ލަނޑު ސާޅީސް އަށްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރްޔަންއެވެ. 

ރޭގެ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗު ފެށީ އެންޓޯނިއޯ ވެލެންސިޔާއެވެ. ނަމަވެސް ފަހު ހާފްގައި ރޫނީ ކުޅެން ނިކުތުމުން އޭނާއާ ބޭންޑް ވަނީ ހަވާލުކޮށްފައެވެ. އަދި ކެޕްޓަނެއްގެ ގޮތުން ތަށި އުފުލާލީވެސް ރޫނީއެވެ. ރޭގެ މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފަސްވަނަ ކްލަބަށެވެ. މީގެކުރިން ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކްލަބްތަކަކީ އަޔެކްސް، ޗެލްސީ، ޔުވެންޓަސް، އަދި ބަޔާން މިޔުނިކެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކާމިޔާބީ ޚާއްޞަކޮށްފައިވަނީ ކްލަބް ނިސްބަތްވާ ސިޓީގައި ދިން ބޮމުގެ ހަމަލާގެ އަސަރު ކުރި ފަރާތްތަކަށެވެ. އެހާދިސާގައި 22 މީހުން މަރުވެ، 64 މީހުނަށް އަނިޔާވިއެވެ.

" އަހަރެމެން ބޭނުންވަނީ ދުނިޔެއަށް ހަމަޖެހުން. އިހުތިރާމާއެކު އުޅެވޭ ދުނިޔެއެއް " މެޗަށްފަހު މިޑްފީލްޑަރ ހެރޭރާ ބުނެފައިވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި، އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްވެސް ބުނެފައިވަނީ ރޭގެ ކާމިޔާބީގެ ސަބަބުން ކުޑަ އުފާވެރިކަމެއް ލިބިއްޖެކަމަށެވެ.

" މިއީ ޔުނައިޓެޑަށް ބޮޑު ރެއެއް. ސިޓީއަށް އަދި ޤައުމަށް މިއީ އެއަށްވުރެ ބޮޑު ރެއެއް " ބެކަމް ބުނެފައިވެއެވެ.