ޚަބަރު

ފަތުރުވެރިންގެ ސަލާމަތަކީ ސިނާޢަތުގެ ކުރިއެރުން- ޒަމީރު


ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށް، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ މުހިއްމުކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ޓޫރިޒަމް ސެކްޓަރ ސެކިއުރިޓީ އެންހާސްމަންޓް ވޯކްޝޮޕް ފެށްޓެވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމް ސެކްޓަރ ސެކިއުރިޓީ އެންހޭސްމަންޓް ވާރކްޝޮޕަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ފަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރި ތަނަކަށް މި ސިނާޢަތު ހެދުމުގެ ގޮތުން މިދާއިރާއާ ގުޅުންހުރި ފަރާތްތައް މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މިއީ އެއްދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ. މިބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތު މިއަދު މިދެކޭ ހިސާބަށް އައިސްފައިވަނީވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އޮވެގެންކަމަށެވެ. މިސިނާއަތް އިތުރަށް ކުރިއަރާނީ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިތުރަށް މަސައްކަތްކުރެވިގެންކަމަށާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަމިއްލަ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.  

މި ސިނާއަތުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުވައި މަޝްވަރާކޮށް، އެކަމަށް ގޮތްތަކެއް ނިންމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީ ގުޅިވަޑައިގެން ބާއްވަވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ހުޅުއްވުމުގެ ރަސްމިއްޔާތުގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަޒީޙް ވިދާޅުވީ، ފަތުރުވެރިކަމުގެ އެންމެ މުހިންމު މަސައްކަތަކަށް ވާންވާނީ އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ. މިމަސައްކަތު ބައްދަލުވުން ބައިވެރިންނަށް އެފަދަ ގިނަ މަޢުލޫމާތުތަކެއް ލިބޭނެކަމަށް ނަޒީހް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގެސްޓް ހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ރިސޯޓްތަކުގެ އިތުރުން އެއަރލައިންތަކާއި އެނޫންވެސް މިދާއިރާއާއި ގުޅުން ހުރި 150 ފަރާތަކުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ. އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްވެސް ބައިވެރިވެވަޑައިގަންނަވައެވެ.