ޚަބަރު

އެހެން ބޭންކްތަކަށްވުރެ ގިނަ ވަގުތު ބީއެމްއެލުން ޚިދުމަތް ދޭނެ


ބޭންކް އޮފް މޯލްޑިވްސްއިން އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ރަމަޟާން މަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ނިންމާ ޚިދުމަތް ދޭނެ ވަގުތުތައް އިއުލާންކޮށްފިއެވެ.

އެގޮތުން މާލޭގައި ހުރި އެބޭންކްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. އަދި ބީއެމްއެލްގެ އެހެނިހެން ބްރާންޗްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

އެ ބޭންކުން ޤާއިމުކޮށްފައިވާ 28 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު އަދިވެސް ލިބޭނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑުއިރު ވީހާވެސް ގިނަ ބަޔަކަށް ރަމްޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ އެ ބޭންކުން ނިންމާ، ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް 4 ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.