ޚަބަރު

"ވޮއިސް އޮފް އެމްއެންޑީއެފް 2017"ގެ އެއްވަނަ އަބްދުއް ރާޒިޤަށް


ސިފައިންގެ އެކި ޔުނިޓުތަކުގެ މެދުގައި ބޭއްވެވި ފުރަތަމަ ލަވަ މުބާރާތް "ވޮއިސް އޮފް އެމްއެންޑީއެފް 2017"ގެ ފަޚްރުވެރި އެއްވަނަ ޕްރައިވެޓް އަބްދުއް ރާޒިޤް އަށް ލިބިއްޖެއެވެ.

ސިފައިންގެ އެކި ޔުނިޓުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ އެއްވަނަ ޕްރައިވެޓް އަބްދުއް ރާޒިޤް ހޯދިއިރު، ދެވަނަ ލިބުނީ ލާންސް ކޯޕަރަލް ހުޒާމް ހަމީދަށެވެ. 3 ވަނަ ލިބުނީ ކޯޕްރަލް އަޙުމަދު ޔާސިރަށެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި ގްރޭންޑު ފިނާލޭ ނައިޓުގައި، ވަނަ ވަނައަށް އައި ފަރާތްތަކަށް ތަށްޓާ އިނާމު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް އޮފް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި، މަޝްޙޫރު ލަވަ ކިޔުންތެރިޔާ އިބްރާޙީމް ހަމްދީއެވެ.

ވޮއިސް އޮފް އެމްއެންޑީފް 2017 މި މުބާރާތުގައި 38 ސިފައިން ބައިވެރިވެ، ލަވަ ހުށަހަޅައިދީފައިވެއެވެ. މި މުބާރާތުން އެއްވަނަ ހޯދި ޔުނިޓަކީ، ސިފައިންގެ ބޭންޑް އެންޑް މިއުޒިކް، ދެވަނަ ހޯދީ ޕްރެޒިޑެންޝިއަލް ގާރޑްސް އަދި ތިންވަނަ ހޯދީ ކޯސްޓްގާޑެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވީ، ސިފައިން ވާންވަނީ އެކި ފަންނުތަކުން ހުނަރުވެރި ބަޔަކަށް ކަމަށެވެ. ސިފައިންގެ ތެރޭގައި މިއުޒިކްގެ ހުނަރު ދިރުވާ އާލާކޮށް، ތަރައްޤީ ކުރުމަށް މިހާރަށްވުރެ ބޮޑަށް ހުރިހާ ސިފައިން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވޮއިސް އޮފް އެމްއެންޑީފްގައި ހިމެނުނު ގަދަ 5 ސިފައިންގެ ލަވަތައް ވަނީ ހުށަހަޅައިދީފައެވެ.

ވޮއިސް އޮފް އެމްއެންޑީއެފް 2017 ގެ ގްރޭންޑް ފިނާލޭ ނައިޓުގައި ވަނީ އެމްއެންއެޑީއެފަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސްއާއި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ޙުސައިންއާއި، ސިފައިންގޭގައި ކުރިން ޚިދުމަތްކުރެއްވި ބޭފުޅުންނާއި، ސިފައިންގެ ޢާއިލާތަކުން ބައިވެރިވިއެވެ.