ޚަބަރު

އަލަށް ބެހެއްޓި ޖަނަރޭޓަރު ޓެސްޓްކުރާތީ ކަރަންޓު ކެނޑިދާނެ


އަލަށް ބެހެއްޓި ޖަނަރޭޓަރު ޓެސްޓްކުރުމަށް ހަމަޖެހިފައިވާތީ މިއަދު ހަވީރު މާލޭގެ އެކި ޞަރަޙައްދުތަކުން ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން އިއްޔެ ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވާގޮތުގައި، އާ ޖެނެރޭޓަރުގެ ޓެސްޓެއް މިއަދު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަދު ހަވީރު ހަތަރަކާއި ފަހަކާ ދެމެދު ޓެސްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭގެ ބައެއް ޞަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މާލެއަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސްޓެލްކޯ އިން ގެނައި 8.9 މެގަވޮޓްގެ ޖަނަރޭޓަރު ހަރުކޮށް، ކަރަންޓް ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިޖަނަރޭޓަރަކީ ފިންލޭންޑްގެ ވަޓްސަލާ ކުންފުންޏާއި ޙަވާލުކޮށްގެން މިއަހަރުގެ ޖަނަވަރީ މަހު ގެނައި ޖަނަރޭޓަރެކެވެ. ޕްރިޕެއަރިން އައުޓާ އައިލެންޑް ފޮ ސަސްޓެއިނަބަލް އެނާޖީ ޑެވެލޮޕްމަންޓް - ޕޮއިސްޑް ޕްރޮޖެކްޓްގެ ތެރެއިން އެ ޖަނަރޭޓަރު ގެނެސްފައި ވަނީ އޭޑީބީގެ ހިލޭ އެހީގެ ދަށުންނެވެ. މާލެއަށް ކަރަންޓު ދިނުމަށް މިހާރު 27 ޖަނަރޭޓަރު ސްޓެލްކޯއިން ބޭނުންކުރާ އިރު، އެ ޖެނެރޭޓަރުތަކުން 72 މެގަވޮޓުގެ ކަރަންޓު އުފައްދައެވެ.