ކުޅިވަރު

ވިނީސިއޫސް ޖޫނިއާ ރެއާލްމެޑްރިޑަށް ސޮއިކޮށްފި


16 އަހަރުގެ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީސިއޫސް ޖޫނިއާ ރެއާލްމެޑްރިޑަށް ސޮއިކޮށްފިއެވެ.

 އަރަމުން އަންނަ ބްރެޒިލްގެ އެންމެ އުއްމީދީ ތަރި މެޑްރިޑަށް ސޮއިކުރީ 38 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޒުވާން ކުޅުންތެރިޔާ މެޑްރިޑްގެ ސްކޮޑާ ގުޅޭނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ރެއާލްމެޑްރިޑުން ވަނީ ހާމަކޮށްފައެވެ. ފްލެމިންގޯއަށް ކުޅެމުން އަންނަ ވިނީސިއޫސް ޖޫނިއާގެ ސޮއި މެޑްރިޑުން ޔަޤީންކުރިއިރު ކުޅުންތެރިޔާ 18 އަހަރު ވަންދެން ފްލެމިންގޯގައި މަޑު ކުރާގޮތައް ކޮންޓްރެކްޓްގައި ވަނީ ބަޔާންކޮށްފައެވެ.

38 މިލިއަން ޕައުންޑަށް ވިނީސިއޫސް ޖޫނިއާ މެޑްރިޑަށް ސޮއިކުރުމުން އޭނާ ވެގެންދިޔައީ ދެވަނައަށް އެންމެ އަގުބޮޑު ބްރެޒިލްގެ ކުޅުންތެރިޔާއަށެވެ. ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާއާ ގުޅިފައިވަނީ 57 މިލިއަން ޔޫރޯއަށެވެ. ބްރެޒިލްގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ވިނީސިއޫސް ޖޫނިއާ ވިދާލީ އެންމެ ފަހުގެ ސައުތު އެމެރިކާ ޒުވާން ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގައި އޭނާ ވަނީ ބްރެޒިލްއަށް 7 ގޯލް ކާމިޔާބުކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. 

ދެވަނަ ނޭމާގެ ގޮތުގައި މަޝްހޫރު ވެފައިވާ ވިނީސިއޫސް ޖޫނިއާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި އެހެން ކްލަބްތަކުން ވެސް ވަނީ މަސައްކަތްކޮށްފައެވެ.