ޚަބަރު

އޭ.ޑީ.ބީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް- ރައީސް


އޭ.ޑީ.ބީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، .އޭ.ޑީ.ބީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޭޑީބީން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ނައިބު ރައީސް މިސްޓަރ ވެންޗައި ޒަންގ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، އޭ.ޑީ.ބީގެ ނައިބު ރައީސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގެ ތަފާތު ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް ކުރިއަށް އޮތްތަނުގައި އޭ.ޑީ.ބީން ދެއްވާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14955369204575.jpg|އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ވައިސް ޕްރެޒިޑެންޓް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އޭ.ޑީ.ބީގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ ގުޅޭގޮތުން ރާއްޖޭގައި ހިންގަން ރާވާފައިވާ މަޝްރޫޢުތަކަށް ތަޢުރީފްކުރައްވާ، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަޙްމަދު މުނައްވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އޭ.ޑީ.ބީގެ ނައިބު ރައީސްގެ އަރިހުގައި، އޭ.ޑީ.ބީގެ އިކޮނޮމިސްޓް މިސްޓަރ މަސާޓޯ ނަކާނެއާއި ސީނިއަރ އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް، މިސްޓަރ ރޮން ސްލެންގަން ބައިވެރިވެވަޑައިގެންނެވިއެވެ.