ޚަބަރު

ރައީސް، އިނގިރޭސި ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ރޭގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެޤައުމުގެ ބޮޑުވަޒީރު ޓެރީސާ މޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ކުށެއްނެތް ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާ މިފަދަ ޓެރަރިޒަމްގެ ފިނޑި ޢަމަލުތައް، ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ވިދާޅުވެފައިވެއެވެ.

އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ރައްދުކޮށްދެއްވުމަށާއި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.