ޚަބަރު

ޕޮލިހަށް ހާޒިރުވާން ވެލެޒިނީއަށް 14 ދުވަސް ދީފި


ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ކުރީގެ މެމްބަރު ޢާއިޝަތު ވެލެޒިނީ 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވުމަށް އަންގަވައިފިއެވެ. 

ޕޮލިހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވެލެޒިނީ އަކީ ފުލުހުން ތަހުޤީޤްކުރަމުންދާ މައްސަލައަކާއި ގުޅިގެން ޕޮލިހަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްކަމަށެވެ. ނަމަވެސް ވެލެޒިނީ ރާއްޖެއިން ބޭރުގައި އުޅެމުންދާތީ، ފުލުހުންގެ ތަހުޤީޤަށް އޭނާ ހާޒިރުކުރެވިފައި ނުވާކަމަށް ޕޮލިހުން ވިދާޅުވެއެވެ.

އެހެންކަމުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުޤީޤަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ، ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތެއްގެ ގޮތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޕޮލިހަށް ހާޒިރުވުމަށް ފުލުހުން އަންގަވައެވެ. އަދި ޕޮލިހަށް ހާޒިރުނުވެއްޖެނަމަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާތަކާއެކު ދައުވާކުރުމަށް ޕީޖީއަށް ފޮނުއްވާނޭކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. 

ފުލުހުންގެ ބަޔާނުގައި ވެލެޒިނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.