ޚަބަރު

ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 8 ދަރިވަރަކު ހިމެނިއްޖެ


ދެހާސް ސޯޅަވަނަ އަހަރު ބޭއްވި ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އިމްތިހާނުން ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެއެވެ. 

މަތީ ޘާނަވީ ނިންމާ އިމްތިހާން ހަދާ، ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ނިސްބަތުން އެންމެ މޮޅު 10 ނަތީޖާ ހޯދާ ދަރިވަރުން މިއަހަރުވެސް އިތުރުވެފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

އެގޮތުން 2016 ވަނަ އަހަރު 21 ސްކޫލަކުން ޖުމްލަ 189 ދަރިވަރަކު އެންމެ މަތީ 10 ވަނަ ހާސިލްކޮށްފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭ ސްކޫލްތަކުން 146 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 121 އަންހެން ދަރިވަރަކާއި، 69 ފިރިހެން ދަރިވަރުންނެވެ. 

5 އޭ ފާސް ހޯދައިގެން 1 ވަނަ ހޯދަމުންގެންދާ ދަރިވަރުން އަހަރުން އަހަރަށް އިތުރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި 2016 ވަނަ އަހަރަކީ ރެކޯޑް ޢަދަދަކަށް ދަރިވަރުން 1 ވަނަ ހޯދާފައިވާއަހަރެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން 2016 ވަނައަހަރު 38 ދަރިވަރަކު 5 މާއްދާއިން އޭ ގްރޭޑް ހާސިލްކޮށްފައިވާއިރު، 3 އޭ ސްޓާ ހޯދައިގެން ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 8 ދަރިވަރަކު ވަނީ ހިމެނިފައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ހުރިހާ ނަތީޖާއަކުން އެނގެނީ ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ކުރިއަރަމުންދާކަންކަމަށެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

2016 ވަނަ އަހަރު މުޅިދުނިޔެއިން އެކައުންޓިންގ އިން ސައްތައިންސައްތަ ފުރިހަމަ ނަތީޖާއަކާއެކު ދިވެހި 4 ދަރިވަރަކު އެއްވަނަ ހާސިލްކޮށްފައިވާއިރު، ދެ ދަރިވަރަކު ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައިވެއެވެ. 

ދެހާސް ސާދަވަނައަހަރު ފުރަތަމަފަހަރަށް ދިވެހިރާއްޖޭގައި މަސައްކްތެރިކަމުގެ ރޮގުން މަތީ ޘާނަވީއަށް ކިޔެވޭނެ މަގު ފަހިކޮށްދެވުމާއެކު، ދެހާސް ސޯޅަވަނައަހަރު އައްޑޫ ހައިސްކޫލްގެ 12 ދަރިވަރަކުވަނީ އެޑެކްސެލް ބީޓެކް ލެވެލް 3 ފުރިހަމަކޮށްފައެވެ. 

2016 ވަނަ އަހަރު އެއްހާސް ނުވަސަތޭކަ އެއްތިރީސް ދަރިވަރުން މަތީސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވެއެވެ.