ކުޅިވަރު

71 ޕޮއިންޓުގެ ތަފާތުން އިންޑިޔާ ބަނގްލަދޭޝް ބަލިކޮށްފި


ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ ތިން މެޗުވެސް ކާމިޔާބުކުރި ބަނގްލަދޭޝް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، އިންޑިއާ ފެންވަރު ދައްކާލައިފިއެވެ.

މިހާރު މާލޭގައި ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ ކުރި ހޯދީ 71 ޕޮއިންޓުގެ ތަފާތުންނެވެ.

މިމެޗުގައި އިންޑިޔާއިން ވަނީ މިމުބާރާތުގެ ފެނުނު ފުރަތަމަ ސެންޗުރީވެސް ހަދާފައެވެ.

އިންޑިއާ މެޗު ކާމިޔާބުކުރީ 141 ޕޮއިންޓް 71 ޕޮއިންޓުންނެވެ.

މިމެޗު އިންޑިޔާ ޓީމުން ފެށީވެސް އެހެން މެޗުތަކާއި ހިލާފަށް ތަފާތު މޮޅަށެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނު އިރުވެސް ޓީމުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ފުރަތަމަ ކުއާޓަރ ނިމުނީ 36 ޕޮއިންޓް 9 ޕޮއިންޓުންނެވެ. ދެވަނަ ކުއާޓަރގައި އިންޑިޔާއިން 68 ޕޮއިންޓް ހޯދިއެވެ. ބަނގްލަދޭޝްއަށް ހޯދުނީ 29 ޕޮއިންޓެވެ.

ތިންވަނަ ކުއާޓަރގައި އިންޑިޔާ ވަނީ ސަތޭކަ ޕޮއިންޓް ހަމަކޮށް މުބާރާތުގެ ފުރަތަމަ ސެންޗުރީ ހަދާފައެވެ.

ތިންވަނަ ކުއާޓަރ ނިމުނީ 113 ޕޮއިންޓު 42 ޕޮއިންޓުންނެވެ.

ތިންވަނަ ކުއާޓަރ އަދި ހަތަރު ވަނަ ކުއާޓަރގައި އިންޑިޔާ ޓީމުގެ މުހިއްމު މޮޅު ކުޅުންތެރިންނަށް ރެސްޓު ދިނުމަށްފަހު ކުޅެން ނެރުނީ ޒުވާން ކުޅުންތެރިންނެވެ.

މިމުބާރާތުގައި ބައިވެރިވި ހުރިހާ ޓީމަކުންވެސް ބުނެފައިވަނީ އިންޑިޔާ ކައިރީ އެއްވެސް ޓީމަކަށް ފައިޓެއް ނުދެވޭނެކަމަށާއި، އިންޑިޔާ އަކީ މިލެވަލްއަށްވުރެ މާ މޮޅު ޓީމެއްކަމަށެވެ.

މިމުބާރާތުގައި އިންޑިޔާއަށް ކުރިއަށް އޮންނާނީ ނޭޕާލް އާއި ވާދަކުރާ މެޗެވެ.

ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ނޭޕާލެވެ.