ކުޅިވަރު

ބީ.ޑަބްލިޔު.އެފްގެ ޑިވޮލޮޕްމަންޓް ކޮމެޓީގެ ނައިބަކަށް މޫސާ ނާޝިދު


ބެޑްމިންޓަން ވޯރލްޑް ފެޑެރޭޝަންގެ ޑިވޮލޮޕްމަންޓް ކޮމެޓީގެ ނައިބް ރައީސްއަކަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އައްޔަންކޮށްފިއެވެ. 

މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން ފާހަގަކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ ބެޑްމިންޓަނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާ ތަކެއް ކުރާނެކަން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ. ޑިވޮލޮޕްމަންޓް ކޮމެޓީތަކަކީ ކުރިއަރަމުން އަންނަ ޤައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ކޮމެޓީއެކެވެ. އެކޮމެޓީގައި މޫސަ ހިމެނުމުން، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ކުރު އަދި ދިގު ތަމްރީން ފުރުސަތުތަކާއި، އެކިއެކި ޤައުމުތަކުގައި ބާއްވަމުން އަންނަ މުބާރާތްތަކުގައި ބައިވެރިވުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ. 

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ޑިވޮލޮޕްމަންޓް ކޮމެޓީގެ ނައިބް ރައީސްއަކަށް މޫސަ އައްޔަން ކޮށްފައިވާއިރު، އޭނާއަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ކައުންސިލް މެންބަރެއްވެސްމެއެވެ. މޫސާ ނާޝިދު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ދެ ދައުރުގައިވެސް މޫސަ ގެންދަވަނީ ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މޫސަ ވަނީ ގިނަ ޤައުމުތަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި އިންޓަރނޭޝަނަލް މުބާރާތެއް ބާއްވާފައެވެ. އަދި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ބްރޭންޑްތަކުން ސްޕޮންސަރ ހޯދައިދިނުމުގައި މޫސަ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.