ޚަބަރު

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފިއެވެ.

ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން މަޢުލޫމާތުދޭގޮތުގައި، އުތުރުކޮރެޔާއިން ތަޖުރިބާކުރީ 560 ކިލޯމީޓަރުގެ މެދުރާސްތާގެ މިސައިލެއް ކަމަށާއި، އެ މިސައިލްގެ އަމާޒު ހުރީ ޖައްވާ ދިމާއަށް ކަމަށެވެ. ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެޔާއިން އާދީއްތަ ދުވަހު ތަޖުރިބާކުރީ އެޤައުމުން ފަހުން އުފައްދައިގެން އުޅޭ ބޮކްޖުޖްސޮންގް ދޭއް މަރުކާގެ މިސައިލެކެވެ. މިއީ އެގައުމުން އާންމުކޮށް ތަޖުރިބާކުރާ ބެލިސްޓިކް މިސައިލްތަކަށްވުރެ ފަހުގެ މިސައިލެކެވެ. އަދި މިއީ ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއްކަމަށްވެސް އުތުރުކޮރެޔާއިން ފަހުން ބުނެފައިވެއެވެ.

ދެކުނު ކޮރެޔާ އާއި ޖަޕާނުންވަނީ އުތުރުކޮރެޔާގެ މި އަމަލު، ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. ޖަޕާނުގެ ވަޒީރުންގެ މަޖިލީހުގެ އާމީންއާންމު ޔުޝީޑީ ސޫގާ ވިދާޅުވީ، އުތުރު ކޮރެޔާގެ ޖެއްސުން ކުރުމުގެ ޢަމަލުތައް ބަލަން ދުނިޔެ އޮވެގެން ނުވާނެ ކަމަށާއި، އެޤައުމު މައިތިރި ކުރަންޖެހޭ ކަމަށެވެ. މިދިޔަ ހަފުތާގައިވެސް އުތުރު ކޮރެޔާއިން ވަނީ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފައެވެ.